ޚަބަރު

ލ. އަތޮޅުގެ ބައެއް ރަށްރަށުގައި ވޯކް އެންޑް ޓޯކް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

05 ޖޫން 2023

ރައްޔިތުންނާ ގާތުން ޚިދުމަތްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވޯކް އެންޑް ޓޯކް ހަރަކާތްތަކެއް ލ. މާބައިދޫ، މުންޑޫ އަދި ދަނބިދޫގައި ކުރިއަށް ގެންގޮސްފިއެވެ.

 

އެ ހަރަކާތުގައި ރަށުގެ ގޭބިސީތަަކަށް ޒިޔާރަތްކޮށް އަދި ރަށުގެ އެކި ސަރަހައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް ތަފާތު އެކި މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން، ކުށްމަދު އަމާން މާހައުލެއް ރަށުގައި ގާއިމުކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރުމާއި މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކާއި މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމާއި ކުޑަކުދިން ކުށުން ރައްކާތެރިކުރާނެ ގޮތުގެ މައުލޫމާތާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ފިހާރަތަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތާއި ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ދީފައިވެއެވެ. އަދި އޮންލައިންކޮށް ފައިސާދައްކާނަމަ ފައިސާ އެކައުންޓަށް ޖަމާވިތޯ ޔަގީން ކުރުމަށާއި އެކި ޕްރޮމޯޝަންތަކުގެ ނަމުގައި ގުޅައި އީމެއިލް އަދި ޕާސްވޯޑް ދިނުމަށް އެދުނުކަމުގައިވިޔަސް އެ މައުލޫމާތު ހިއްސާނުކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް މައުލޫމާތު ދީފައިވެއެވެ.

 

މާބައިދޫއާއި މުންޑޫގައި ވޯކް އެންޑް ޓޯކް ޕްރޮގްރާމް މި މަހު 1 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު ދަނބިދޫގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މެއި 30 ވަނަ ދުވަހުއެވެ.