ޚަބަރު

ނ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް ޕްލީ ބަރގެއިނިންގ ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

05 ޖޫން 2023

ނ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް ޕްލީ ޕްލީ ބަރގެއިނިންގ ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

 

އެ ޕްރޮގްރާމް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒް ހުސައިން ޝަމީމް އާއި ނޯތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރންޓެންޑެންޓް  މޫސާ އަލީއެވެ.

 

އެ ރަސްމިއްޔާތުގައި، ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒް ހުސައިން ޝަމީމް ދެއްކެވި ވާހަކަފުޅުގައި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ މަސައްކަތްތައް ކާމިޔާބުވާނީ ފުލުހުންގެ މަސައްކަތް ކާމިޔާބުވެގެންކަމާއި ފުލުހުންގެ މަސައްކަތް ކާމިޔާބުވަނީ ޕީޖީގެ މަސައްކަތް ކާމިޔާބުވެގެން ކަމުގައިވާތީ ދެބައި މީހުންގެ އަމާޒަކަށް ވާންވާނީ މިހާރަށް ވުރެ ބޮޑަށް ގުޅިގެން މަސައްކަތްކޮށް، ދިމާވާ ހުރަސްތައް ނައްތައިލުން ކަމަށް ވިދާޅުވިއެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ދިމާވާ ދަތިތަކަށް ލުއިފަސޭހަކަމެއް ގެނެސްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

 

ނޯތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ދެއްކެވި ވާހަކަފުޅުގައި، މިފަދަ ޕްރޮގްރާމެއް ނ. އަތޮޅުގައި ހިންގައިދެއްވިކަމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ރީޖަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ މައްސަލަތައް ތަހުގީގު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރި ހުރިހާ ފުލުހުންވެސް، ދަސްވި އެއްޗެހީގެ ބޭނުން އަމަލީ މައިދާނުގައި ހިފުމަށް އެދިލެއްވިއެވެ.

މި މަހު 4 އިން 5 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ޕްލީ ބަރގެއިނިންގ، ޕްލީ ބަރގެއިނިންގ އިން ކްރިމިނަލް ޕްރޮސީޖަރ، މައްސަލަތަކުގައި ފުލުހުން އަމަލުކުރަންޖެހޭ ގޮތްތައް، އަދި ޕީޖީ އާއި ފުލުހުން ގުޅިގެންކުރާ މަސައްކަތްތަކުގައި ދިމާވާ ދަތިތަކާއި އެ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

އޭގެ އިތުރުން، ޕީޖީއޯ އޮންލައިން ޕޯޓަލް ލޯންޗުކުރުން އެ ޕްރޮގްރާމް ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ.

އެ ޕްރޮގްރާމުގައި ކްލާސްތައް ނަންގަވައިދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒް ހުސައިން ޝަމީމް އާއި ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒް އަލީ ސަމީރު އާއި އެމެރިކާގެ  ބޭފުޅެއްކަމުގައިވާ މިސްޓަރ މައިކަލް ހޭމަން އާއި ޕީޖީ އޮފީހުގެ ވަކީލުންނެވެ.

 

މި ޕްރޮގްރާމްގައި، ނ. އަތޮޅުގައި މަސައްކަތްކުރާ 23 ފުލުހުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.