ޚަބަރު

މ. މަޑުއްވަރީ ވިޔަފާރިވެރިން ކުށުން ރައްކާތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

06 ޖޫން 2023

ކުށްތަކުން ސަލާމަތްވެ ރައްކާތެރިވެތިބުމަށް ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، މ. މަޑުއްވަރީ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

 

މި މަހު 5 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި، ވައްކަންކުރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ އަދި ފިހާރަތަކުގައި ކުށުގެ އެއްވެސް އަމަލެއް ހިންގައިފިނަމަ އަމަލުކުރަންވީ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

އަދި މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތަކަށް ވިޔަފާރިވެރިން ހޭލުންތެރިކުރުވައި އެފަދަ ކަންކަމުން ރައްކާތެރިކުރުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ވިޔަފާރިކުރުމަށްފަހު ފައިސާ ޓްރާސްފަރ ކުރިކަމަށް ބުނެ ސައްހަ ނޫން ސްލިޕް ފޮނުވުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީންކުރުމަށް ފަހު ނޫނީ މުދާ ދޫނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

 

އޭގެ އިތުރުން ކުޑަކުދިން އެކުދިންގެ އުމުރާ ނުގުޅޭ ވިޔަފާރިކުރާނަމަ އެކަން އެކުދިންގެ ބެލެނިވެރިންނަށާއި ކަމާބެހޭ އިދާރާތަކަށް އެންގުމަށް އިލްތިމާސްކޮށްފައިވެއެވެ.