ޚަބަރު

ތަހުގީގު ކުރުމުގެ ދާއިރާގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

06 ޖޫން 2023

ތަހުގީގު ކުރުމުގެ ދާއިރާގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ދިވެހި ފުލުހުންގެ ޚިދުމަތުން އިންވެސްޓިގޭޝަން އޮފިސަރުން ހޯދުމަށް އިޢުލާނުކޮށްފިއެވެ.

 

އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖޫން 5 ވަނަ ދުވަހުން ފެށިގެންނެވެ. ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ޖޫން 20 ވަނަ ދުވަހުގެ 16:00 ގެ ކުރިން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

 

ތަހުގީގު ކުރުމުގެ ދާއިރާގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަ ކޮށްގެން މުވައްޒަފުން ހޯދުމަށް ކޮށްފައިވާ އިޢުލާނުގައި ތިން މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެއީ ސާޖަންޓް ގްރޭޑް 1، ސާޖަންޓް ގްރޭޑް 2 އަދި ސީނިއަރ ސާޖަންޓް ގްރޭޑް 2 އަށެވެ. މި މަގާމުތަކުގެ ތެރެއިން ސާޖަންޓް ގްރޭޑް 1 މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ އޮޕަރޭޝަނަލް ޕޮލިސިންގގެ ދާއިރާއަކުން ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި ސާޖަންޓް ގްރޭޑް ދޭއްގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ ލެވަލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. ސީނިއަރ ސާޖަންޓް ގްރޭޑް ދޭއްގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް ނުވައެއްގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ.

 

މި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރެކްރޫޓްކުރެވޭ ފަރާތްތައް ރެކްރޫޓްކުރެވޭ ތާރީހުން ފެށިގެން 3 މަސް ދުވަސް ހަމަވުމުން ސަރވިސް އެލަވަންސާއި، ނޮން ޕްރެކްޓިސް އެލަވަންސް، ޕްރޮފެޝަނަލް އެލަވަންސް ހަމަޖެހިގެން ދާނެއެވެ. މީގެ އިތުރުން މުވައްޒަފަށާއި މުވައްޒަފުންގެ އާއިލާއަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގެ ހަރަދާއި މުވައްޒަފުންގެ ކެއިން ބުއިމާއި ހުރުމުގެ ހަރަދުގެ އިތުރުން މުވައްޒަފަށް ކިޔެވުމުގެ ފުރުސަތު ޅިބިގެން ދާނެއެވެ.

 

ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތާއެކު 2022 ޖޫން 20 ދުވަހު 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަން ނުވަތަ އަތޮޅުތަކުގައި ގާއިމުކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. އަދި މަގާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ.

 

ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނުންނާއި ފުލުހުންގެ ވެބްސައިޓް www.police.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.