ޚަބަރު

ރައްޔިތުންގެ ކަންބޮޑުވުންތައް ޙައްލުކޮށްދެއްވަން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އަރުވަން – ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް

29 މެއި 2016

CP

މުޖުތަމަޢުގެ ހަމަޖެހުން ދަމަހައްޓައި ރައްޔިތުންގެ ކަންބޮޑުވުންތައް ބަލައި އެކަންކަން ޙައްލު ކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވެއްޖެއެވެ.

ދ. މީދޫގައި ފުލުހުންގެ ޚިދުމަތް ފަށައި މީދޫ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ދެމި އޮތުމަކީ ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަން ކަމުގައި ޤަބޫލުފުޅު ކުރައްވާކަމަށެވެ. އެހެންކަމުން ދިވެހި ފުލުހުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެފަދަ ކަންކަން ޙައްލުކޮށް ޤައުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ވިދާޅުވިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މި މަސައްކަތަކީ ހަމައެކަނި ފުލުހުން ކުރަން ދޫކޮށްލައިގެން ތިބެވޭ ވަރަށްވުރެ ބޮޑު އަދި ބުރަ މަސައްކަތެއް ކަމަށާއި މި މަސައްކަތުގައި މުޅި މުޖުތަމަޢު އެކުގައި އަތު ގުޅާލައި އިޚްލާޞްތެރި ކަމާއެކު މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ވަކިން ޚާއްޞަކޮށް ކައުންސިލްތަކާއި މަދަނީ ޖަމާޢަތްތަކާއި ރައްޔިތުންނާ ފުލުހުން ގުޅިގެން މި މަސައްކަތް ކުރާނަމަ މުޖުތަމަޢުގައި ހަމަޖެހުން ޤާއިމް ކުރެވި ކުށުގެ ނުރައްކަލުން މުޅި މުޖުތަމަޢު ސަލާމަތް ކުރެވޭނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވީ މިއަދުގެ މުޖުތަމަޢުގައި ފުލުހުންގެ ޚިދުމަތް ބޭނުން ކުރުމުގައިވެސް، ވަކި ބަޔަކު ބޭނުންވާ ކަންކަން ޙާޞިލްކުރަން ނޫނީ ވަކިބައެއްގެ މަަޤްޞަދު ޙާޞިލްކުރަން ނޫންނަމަ ވަކިބަޔަކަށް މަންފާ ލިބޭގޮތަށް ކަންކަން ކުރަން އޮންނަ ޚިދުމަތެއްގެ ގޮތުގައި ހަދަން މަސައްކަތްކުރާ މަންޒަރު ފެންނަމުންދާ ކަމަށެވެ. ހަމަ އެއާއެކު ފުލުހުންގެ ޚިދުމަތް ވަކި ގޮތަކަށް ދައްކުވައިދޭން މަސައްކަތްކުރާތީ ފެންނަކަމަށާއި ވަކި ބައެއްގެ ނިވާ ފަތްގަނޑެއްގެ ގޮތުގައި މި ޚިދުމަތް ބާއްވަން މަސައްކަތްކުރާތަން ފެންނަމުންދާ ކަމުގައިވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އެހެންނަމަވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އެފަދަ ގޮތަކަށް ކަންކަން ކުރަން ފުރުޞަތު ނުދެއްްވާނެ ކަމަށާއި ފުލުހުންގެ ޚިދުމަތުގެ ތަޞައްވުރު ހުތުރުކޮށް މި ޚިދުމަތާމެދު ރައްޔިތުންގެ އިތުބާރާއި ލޯބި ނަގާލަން ކުރެވޭ މަސައްކަތަށް ފުރުޞަތު ނުދެއްވާނެ ކަމަށެވެ. އަދި އެފަދަ ކަންކަން ނައްތާލައި އެކަމަށް ހުރި ހުރަސްތައް ގިރާ ކުރުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއްވެސް ކުރައްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް ރައްޔިތުން އެދޭފަދަ ބަދަލުތައް ގެނެސް މުޅި ފުލުހުންގެ ޚިދުމަތް އިޚްލާޞްތެރިކަމާއެކު ދެވޭ ޚިދުމަތެއްގެ ގޮތުގައި ދަަމަހައްޓަން ފުލުހުންގެ ލީޑަރޝިޕުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި މީދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގަތެވެ.