ޚަބަރު

އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ދަރިންނަށް ރަނގަޅު ތަރުބިއްޔަތު ދިނުމަކީ މުޖުތަމަޢުގެ ހެވާއި ލާބައަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް – ކޮމިޝަނަރ އޮފް ޕޮލިސް

03 ޖުލައި 2016

CP 6

ކީރިތި ޤުރްއާނާއި މާތް ރަސޫލާގެ ސުންނަތުގައިވާ ފަދައިން ދަރިންނަށް ރަނގަޅު ތަރުބިއްޔަތު ދިނުމަކީ މުޖުތަމަޢުގެ ހެވާއި ލާބައަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވެއްޖެއެވެ.

ވިލިމާލެ ޕޮލިސް އިން އިންތިޒާމުކޮށްގެން ވިލިމާލޭގައި ބޭއްވި ޤުރްއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދިނުމަށް މުހްޔިއްދީން ސްކޫލުގައި އޮތް ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވީ، ކީރިތި ޤުރްއާން ކިޔަވަމުންދާއިރު އަދި ޤުރްއާން އުގަންނައިދެމުންދާއިރު އޭގެ މާނައާއެކު ކިޔަވައި މާނަ އުގަންނައި ދިނުން މުހިއްމު ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ޤުރްއާނުގެ މާނަ އެނގިގެންނޫނީ އެ މުޤައްދަސް ފޮތުގައި އަންގަވާފައިވާ ރިވެތި ސިފަތަކާއި ފުރިހަމަ އަޚްލާޤިއްޔާތު ދެނެ ނުގަނެވޭނެކަމަށެވެ. ހަމަ އެހެންމެ މުޅި އުދަރެހަށް ކީރިތި ޤުރްއާނުގެ ނޫރުން ލިބިގެންދާ އަލިކަން އެނގިގެން ދާނީ ޤުރްއާނުގެ މާނަ ރަނގަޅަށް އެނގި ދަސްކޮށްގެން ކަމަށެވެ. އެހެންކަމުން ރީތި ރާގުތަކަށް ކީރިތި ޤުރްއާން ކިޔަވައި، އެލިބޭ ފައިދާ އާއި ދަރުމައިގެ އިތުރުން ކީރިތި ޤުރްއާނުގެ މާނަ ބަލައި ދަސްކޮށް ދީނުގައި އަންގަވާފައިވާ އެންގެވުންތަކާ އެއްގޮތަށް ދަރިވަރުންގެ އުޅުމާއި ގުޅުންތައް ބައްޓަން ކުރަން މައިން ބަފައިންނާއި ބަލަދުވެރިން މިއަދުގެ ޅަދަރީންނަށް ދަސްކޮށްދޭންޖެހޭކަމުގައި ވިދާޅުވެ އެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިލްތިމާސް ކުރެއްވިއެވެ.

CP5ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވީ، ތަރުބިއްޔަތުގެ ރީތި ސިފަތަކާއި މަތިވެރި އަޚްލާޤިއްޔާތު ކީރިތި ޤުރްއާނުގައި އެބަ އޮތްކަމަށާއި ޤުރްއާނުގައިވާ ސިފަތަކާއި އަޚްލާޤް ދެނެގަނެ އެގޮތަށް ކޮންމެ މީހެއްގެ އަދި ކޮންމެ ކުއްޖެއްގެ ނަފްސާއި ދިރިއުޅުން ބައްޓަންކުރަން ޖެހޭނެ ކަމަށެވެ. މިގޮތަށް ދިރިއުޅުން ބައްޓަން ކޮށްފިނަމަ އެތަނެއްގައި އަމަން އަމާންކަން ދެމެހެއްޓި، މުޖުތަމަޢުގެ ކަންކަން ރަނގަޅު ގޮތުގައި ދެމެހެއްޓިގެން ދާނެ ކަމަށެވެ. ހަމަ އެއާއެކު ކީރިތި ޤުރްއާނުން ސިފަ ލިބި ފިލާވަޅު އުގެނުމުން ކޮންމެ ކުއްޖަކުވެސް އަދި ކޮންމެ ޒުވާނަކުވެސް އުޅެންވީ ރަނގަޅު ހަރުދަނާ ގޮތް ވަރަށް ސާފުކޮށް އެނގިގެން ދާނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވިއެވެ.

މި ޖަލްސާގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވަނީ ވިލިމާލޭގައި ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތެއް ފުލުހުން އިސްނަގައިގެން ބޭއްވީތީ ވިލިމާލެ ޕޮލިސް އަށާއި މުބާރާތް ސްޕޮންސަރ ކޮށްދެއްވައި އިނާމު ހުށަހަޅުއްވައިދެއްވި ފަރާތްތަކަށް އަދި މުބާރާތުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. ވަކަިން ޚާއްޞަކޮށް މުބާރާތް ބޭއްވުމުގައި ޖޭ.އެފް.އެމް ޕްރައިވެޓް ލިމިޑެޓުން ދެއްވި އެހީތެރިކަން ފާހަގަ ކުރައްވައި އެފަރާތަށް ކޮމިޝަނަރ އޮފް ޕޮލިސް ޝުކުރު އަދާކުރެއްވިއެވެ. އަދި މުބާރާތުން އެކިއެކި ވަނަތައް ހޯދި ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެ ހިތްވަރު ދެއްވިއެވެ.

CP 4ވިލިމާލެ ޕޮލިސް އިން އިންތިޒާމުކޮށްގެން މި ރަމްޟާންމަހު ކުރިޔަށް ގެންދިޔަ ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ޖަލްސާގައި ޚާޢްޞަ ވަނަތަކަށް އަދި މުބާރާތަށް އެހީތެރިވެދެއްވި ފަރާތްތަކަށް އިނާމާއި ސެޓްފިކެޓް ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ އާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އާއި ސީއޯސީގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންނެވެ.