ޚަބަރު

ފުލުހުން ރަސްމީ ޑިއުޓީގައި ޤާނޫނީ އިމުގެތެރެއިން ކުރާ މަސައްކަތުގައި ޖަވާބުދާރީ ވާނީ މޯލްޑިވްސް ޕޮލިސް ސާވިސް

11 ޖުލައި 2016

MPS22

ފުލުހުންނަކީ ޤާނޫނީ ގޮތުން މަތިކޮށްފައިވާ ޤާނޫނީ ޒިންމާ އަދާކުރާ ބައެކެވެ. އެހެންކަމުން ފުލުހަކު ރަސްމީ ޑިއުޓީ އަދާކުރަމުންދާއިރު ޤާނޫނީ އިމުގެތެރެއިން ކުރާ މަސައްކަތުގައި ޖަވާބުދާރީ ވާނީ ވަކިވަކި ފުލުހުންގެ ބަދަލުގައި މޯލްޑިވްސް ޕޮލިސް ސާވިސްއިންނެވެ.

ފުލުހުން ރަސްމީ ޑިއުޓީގައި މަސައްކަތް ކުރަމުންދާއިރު އެ ފުލުހުން ކުރަމުންދާ މަސައްކަތް ބަލައި މޮނީޓަރ ކުރުމުގެ ނިޒާމެއް މޯލްޑިވްސް ޕޮލިސް ސާވިސްގައި ވަނީ ޤާއިމް ކުރެވިފައެވެ. މިދެންނެވި ނިޒާމުގެ ތެރެއިން ފުލުހުންނަށް ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކަނޑައަޅައި އެމަސައްކަތް ޙަވާލުކޮށް، މަސައްކަތް ބަލަހައްޓަމުންދަނީ އެކަމަށް ކަނޑައެޅިފައިވާ ޙައިރާކީގެ ތެރެއިން ވަކި އުޞޫލުތަކެއްގެ މަތިންނެވެ. މިގޮތަށް މަސައްކަތް ކުރާއިރު އެ މަސައްކަތަކީ ގުޅި ލާމެހިގެން ތަރުތީބީ ނިޒާމެއްގެ ދަށުން ކުރެވޭ މަސައްކަތެއްގެ ގޮތުގައި އޮންނަނީ ހަމަޖެހިފައެވެ. މިގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއިން ޙަވާލުކޮށް ފުލުހުން ކުރާ މަސައްކަތަކީ ފުލުހަކު ފަރުދީ ހައިސިއްޔަތުން ވަކިވަކިން ކުރެވޭ މަސައްކަތެއްގެ ގޮތުގައި ނުވާހިނދު ވަކިވަކި ފުލުހަކު އަދާކުރާ ދައުރާއި ގުޅިގެން ކުރިމަތިވާ ކަންކަމުގެ ޒިންމާ ނަގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ފަސް ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.

ދަންނަވަމެވެ. ފުލުހުން ޑިއުޓީ އަދާކުރަމުންދާއިރު، ފުލުހުންގެ މަސައްކަތާ ގުޅޭގޮތުން ވަކިވަކި ފުލުހުންގެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި އެފަދަ ފުލުހުންނާމެދު ފިޔަވަޅު އަޅަން މަސައްކަތް ކުރާނެކަމަށް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ބައެއް ފަރާތްތަކުން ދަނީ ހާމަ ކުރަމުންނެވެ. ހަމައެފަދައިން ފުލުހުންގެ ސަފުތަކުގެ ބަދަހިކަން ނައްތާލައި ރައްޔިތުންގެ ހިތްތަކުގައި ފުލުހުންގެ މަސައްކަތާ ދޭތެރޭ ނުރަނގަޅު ތަޞައްވުރެއް އުފެއްދުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ދިވެހި ފުލުހުންގެ ސަބުތަކުގެ ބަދަހިކަން ނަގާލައި ވަކި ވަކި ފުލުހުންނާމެދު ފިޔަވަޅު އަޅައި ފުލުހުންގެ މެދުގައި ބައިބައިވުން އުފެދޭ ގޮތަށް ކުރަމުންދާ މަސައްކަތް ހުއްޓުވައި ޤާނޫނީ މަސައްކަތުގައި ފުލުހުން ދެމިތިބޭނެ ކަމުގެ ޔަޤީންކަން ލޮބުވެތި ރައްޔިތުންނަށް މިފުރުޞަތުގައި ވެސް އަރުވަމެވެ. ހަމައެހެންމެ ޤާނޫނީ މަސައްކަތުގައި ފުލުހުންގެ ދައުރު އަދާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިމާވާ ކަންކަމުގައި ޖަވާބުދާރީ ވުމުގައި މޯލްޑިވްސް ޕޮލިސް ސާވިސް ދެމި އޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް އަރުވަމެވެ.