ޚަބަރު

ޓެރަރިޒަމްގެ ކުށްތައް ހުއްޓުވައި ތަޙްޤީޤުތައް ހަރުދަނާ ކުރުމުގެ މަސައްކަތާއެކު އެދާއިރާއިން ފުލުހުންނަށްދޭ ތަމްރީނު ތައް އިތުރު ކޮށްފި

01 އޮކްޓޯބަރ 2016

Counter Terrorizam

ޓެރަރިޒަމްގެ ޙަރަކާތްތަކާއި ކުށްތައް ހުއްޓުވައި، ޓެރަރިޒަމްގެ ޢަމަލުތަކަށް މަގުފަހިވާފަދަ ކަންކަން މުޖުތަމަޢުން ނައްތާލުމަށް ފުލުހުންގެ މުއައްއަސާއިން ކުރަމުންދާ މަސައްކަތްތައް އިތުރުކޮށް އެފަދަ މައްސަލަތަކުގެ ތަޙްޤީޤު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތާއެކު އެދާއިރާއިން ފުލުހުންނަށްދޭ ތަމްރީނުތައް އިތުރުކޮށްފިއެވެ.

ފުލުހުންނަށް ހިންގާ ތަމްރީނު ތަކަށް ގެނެވުނު މި ބަދަލާއެކު، ޕޮލިސް އެކަޑަމީން ފުލުހުންނަށް އަމާޒުކޮށް ހިންގާ އެކިއެކި ތަމްރީނު ތަކުގައާއި ޤާނޫނު ތަންފީޒްކުރާ އިދާރާތަކަށް އަމާޒުކޮށްގެން ޕޮލިސް އެކަޑަމީން ހިންގާ ތަމްރީނު ތަކުގައި، ޓެރަރިޒަމް ދިވެހި މުޖުތަމަޢުން ނައްތާލައި އެފަދަ ކުށްތަކަށް ހިއްވަރު ލިބޭގޮތަށް ކުރެވޭ ކަންކަން ދެނެގަނެ އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރެވިދާނެ ގޮތްތަކުގެ ތަމްރީނުތައް ފުލުހުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕޮލިސް އެކަޑަމީން ހިނގާ ތަމްރީނުތަކުގައި ޓެރަރިޒަމްގެ ބައިތައް ހިމައި އެކަމަށް ބޭނުންވާ ތަމްރީނުތައް ކުރިޔަށް ގެންދިއުމަށްޓަކައި ޕޮލިސް އެކަޑަމީން ވަނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ ފަންނީ އެހީތެރިކަން ހޯދާފައެވެ. އަދި ޓެރަރިޒަމް ހުއްޓުވުމުގެ މަސައްކަތްތަކަށް ބޭނުންވާ ތަމްރީނުތައް ހިންގާނެ ގޮތުގެ އޮނިގަނޑު އެކުލަވާލައި އެކަމަށް ބޭނުންވާ މީހުންތަމްރީނު ކުރުމުގެ މަސައްކަތްވެސް ޕޮލިސް އެކަޑަމީން ދަނީ ކުރަމުންނެވެ.

ޕޮލިސް އެކަޑަމީގެ ތަމްރީނުތަކަށް ގެނެވޭ މި ބަދަލާއެކު ފުލުހުންނަށް ހިންގާ އަސާސީ ތަމްރީނު ކޯސްތަކާއި އިންވެސްޓިގޭޝަން އޮފިސަރުން ތަމްރީނު ކުރުމުގެ ކޯހުގެ އިތުރުން ފްރޮންޓްލައިން އޮފިސަރުން ތަމްރީނު ކުރުމުގެ ކޯހާއި އެނޫނަސް ޤާނޫނު ތަމްފީޒްކޮށް މުޖުތަމަޢުގެ ރައްކާތެރިކަން ދެމެހެއްޓުމާ ގުޅުންހުރި ދާއިރާތަކުން ހިންގާ ކޯސްތަކުގައި ޓެރަރިޒަމްގެ މާއްދާތައް ކިޔަވައިދޭން ވަނީ ހަމަޖެހިފައެވެ.

ފުލުހުންނަކީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކޮށް މުޖުތަމަޢުގެ ރައްކާތެރިކަން ދަމަހައްޓައި ޤައުމުގެ ވެށި އަމާން ކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ބަޔަކަށްވީހިނދު  ޓެރަރިޒަމްފަދަ ނުރައްކާތެރި ކަންކަމުން މުޅި މުޖުތަމަޢު ރައްކާތެރި ކުރުމަށް ފުލުހުންގެ މުއައްސަސާއިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖޭގައި ހިނގާ ނުވަތަ ހިނގާފާނެ ކަމަށް ބެލެވޭ ޓެރަރިޒަމް ގެ ޢަމަލުތަކާއި ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް މިހާރަށްވުރެވެސް ހަރުދަނާކޮށް އިތުރު މަސައްކަތްތައް ކުރުމަށް ޚާއްޞަ ގޮތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފްގެ އިސްނަންގަވައިގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ އެގްޒެކެޓިވް ބޯޑުގެ މަޝްވަރާގެ މަތިން ދަނީ ކުރަމުންނެވެ.