ޤައުމީ އެއްބައިވަންްތަކަމުގެ ދުވަހާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް ދެއްވާ ޚާއްޞަ މެސެޖް
26 ޑިސެމްބަރ 2016الحمد لله رب العالمين، والصلاة والسلام على خاتم الأنبياء والمرسلين، سيدنا محمد وعلى آله وصحبه أجمعين
ޤުދުރަތީ ކާރިސާތަކަކީ ރާއްޖޭގެ ތާރީޚު، ވަރަށް ކުރިއްސުރެ ވެސް، ދެކެފައިވާ ކަންކަމެވެ. 2004 ވަނަ އަހަރުގެ ޑިސެންބަރު މަހު، 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ، ފަހުގެ ތާރީޚުގައި ފެންނާން އޮތް އެންމެ ބޮޑު އެއް ކާރިސާއެވެ. އެތައް ދިވެހީންނެއްގެ ފުރާނަ ގެއްލިގެން ދިޔުމާއި، ރަށްރަށާއި މުދަލަށް ލިބުނު ގެއްލުން ކިތަންމެހައި ވެސް ބޮޑެވެ.
މި އަދު އަޅުގަނޑުމެން މި އާ ކުރަނީ، އެ ދުވަހުގެ ހަނދާނެވެ. ހިިތާމައާއި ހިތްދަތިކަމުގެ ތެރެއިން ފެނުނު، އުފާކުރަންޖެހޭ އުފާވެރިމަންޒަރެއްގެ ޒިކުރާއާ ވެސް އެކީގައެވެ. އެއީ ދިވެހި ރައްޔިތުންގެ ކިބައިން އެ ދުވަހު ފެނުނު އަޅައިލުންތެރިކަމާއި އޯގާވެރިކަމާއި އެއްބައިވަންތަކަމުގެ ނަމޫނާ ރޫޙެވެ. އެހެންކަމުން މި ދުވަސް ފާހަގަކުރެވެމުން މި ދަނީ ޤައުމީ އެއްބައިވަންްތަކަމުގެ ދުވަހުގެ ގޮތުގައެވެ. ދުވަހުގެ ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދެކަނބަލުންނަށާއި، ލޮބުވެތި އެންމެހައި ދިވެހިިރައްޔިތުންނަށް އައިސްކުރަމެވެ.
ތާރީޚު ހެކިދޭ ގޮތުގައި ރާއްޖެއަށް ކުރިމަތިވި ކޮންމެ ނުރައްކަލަކުން ރާއްޖެ ދިފާޢުވެ ސަލާމަތްވުމާއި، ގެއްލުންކުޑަ ގޮތެއްގައި އެ ޙާލުން އިޢާދަވުމުގައި ދިވެހީންގެ އެއްބައިވަންތަކަން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. ހަނގުރާމަވެރި ޙާލަތްތަކުގެތެރެއިން، ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދާއި، ދޮންބަންޑާރައިންގެ ޤައުމީ ޖިހާދާއި، އަދި ނަޞްރުގެ ދުވަހުގެ ކާމިޔާބީ، ސާބިތު މިސާލުތަކެއްގެ ގޮތުގައި ފުދެއެވެ.
އެހެންކަމުން ޝައްކެއް ނެތް ގޮތުގައި އެއްބައިވަންތަކަމުގެ ދުވަހުގެ ޢަޒުމެއްކަމަށް ހަދަންވީ، ދިވެއްސަކަށްވީތީ، ދިވެހީންގެ މާތް ސިފަތަކުގެމަތީގައި ދެމިހުރުމުގެ ޢަޒުމެވެ. އެކުވެރިކަމުގެ ރޫޙެވެ. ހިތްތަކުގައި ދިރުވަންވީ، އެއް ދީނެއް، އެއް ޤައުމެއް، އެއް ބަހެއް، އެއް ނަސްލެއް، އެއް އާއިލާއެއްކަމުގެ ޝުޢޫރެވެ.
ސުނާމީގައި ޙާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމުގައި ދިވެހި ރައްޔިތުންނާއި ޚާއްޞަކޮށް ދިވެހިފުލުހުން ދެެއްކި ނަމޫނާއަށްޓަކައި ފަޚްރުވެރިވާ ޙާލު، އެ ފަރާތްތަކަށް ޝުކުރުދަންނަވަމެވެ.
ދުނިޔެ ދޫކުރި އަޚުންނާއި އުޚްތުންގެ ހަނދާން އާކުރަމެވެ. އެ ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ހެޔޮ ޖަޒާ މިންވަރު ކުރައްވާށިއެވެ. އާއިލާތަކަށް ކެތްތެރިކަން ދެއްވައި، ބާއްޖަވެރިކަން ދެއްވާށިއެވެ. އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަން، ކުދިބޮޑު އެންމެހައި ނުރައްކާތަކުން، އޯގާވަންތަ ﷲ ރައްކާތެރިކުރައްވާށިއެވެ. އަދި ދިވެހީންގެ ހިތްތައް އަބަދު ވެސް އެކުވެރި، އުޚުއްވަތްތެރި، ލޭފަހަންހާރަވެތި، ބަދަހި ހިތްތަކެއްގެ ގޮތުގައި، ދަމަހައްޓަވާށިއެވެ! آمين
27 ރަބީޢުލްއައްވަލް 1438
26 ޑިސެމްބަރު 2016
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް