ޚަބަރު

ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ - ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް

24 ޖޫން 2017

DDFjUjTUMAASgll

الحمد لله رب العالمين والصلاة والسلام على نبينا محمد وعلى آله وصحبه أجمعين

މިއީ 1438ވަނަ އަހަރުގެ ބަރަކާތްތެރި ފިޠުރު ޢީދު އަޅުގަނޑުމެންނާ ބައްދަލުކުރި އުފާވެރި ވަގުތެވެ.  އެނގިވަޑައިގަންނަވާނެ ފަދައިން، މި ޢީދަކީ ރޯދައިގެ މަތިވެރި އަޅުކަމަށް ފަހު، އަދި އެ މާތް އަޅުކަމުން ލިބުނު ވަރުބަލިކަމަށްފަހު، އަޅުގަނޑުމެންނާ ބައްދަލުކުރާ އިޙްތިފާލެކެވެ. މަޤުޞަދަކީ، ދޭދޭ ގުޅުންތައް ބަދަހިކުރުމާއި ހިތްހެޔޮކަން ރައްދުކުރުމެވެ. އިސްލާމީ އަޚުވަންތަކަން ދިރުވައިއާލާކުރުމެވެ. ޢާއިލާގައި، ރަށުގައި އަތޮޅާއި މުޅި ޤައުމުގައި ލޯތްބާ ކުލުނު އާންމުކުރުމެވެ. އިސްލާމުންގެ މަތިވެރި އަޚްލާޤު މުޅި ދުނިޔެއަށް ހާމަކުރުމެވެ.

ބަރަކާތްތެރި ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދެކަނބަލުންނަށާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދަށާއި، ދިވެހި އެންމެހައި ފުލުހުންނަށް އަރިސްކުރަމެވެ. ފުލުހުންގެ މުއައްސަސާގައި ޚިދުމަތްކުރައްވާ މަދަނީ އެހެނިހެން މުވައްޒަފުން ވެސް، ދިވެހި ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ އެންމެހައި ފުލުހުންނާއި، އަދި އަޅުގަނޑުމެން އެންމެންގެ ލޮބުވެތި އާއިލާތަކާއި، ދިވެހި އެންމެހައި ރައްޔިތުން ހިމެނޭ ގޮތުންނެވެ.

ޢީދާގުޅިގެން އެކި ތަންތަނަށް ދަތުރުފަތުރުކުރުން ގިނަވެއެވެ. އެއްބަޔަކު އަނެއްބަޔަކަށް ފެނިދެނިވެ އެނގި ތަޢާރުފުވުން އިތުރުވެއެވެ. މިއީ ހެޔޮ ގުޅުންތަކެއް ބިނާކުރުމަށް ލިބޭ ފުރުޞަތެކެވެ. ހަމަ އެހެންމެ މިއީ މޫސުމުގެ ފުރޮޅުންތަކާއި، ރަށްރަށުގެ އިޖުތިމާޢީ މާޙައުލަށް ބަލައި ރައްކާތެރި ފިޔަވަޅުތަކަށް ސަމާލުކަން ދޭން ޖެހޭކަމެއްކަމަށް ދެކެމެވެ. އެންމެންގެ ސަލާމަތާއި މަޞްލަޙަތަށްޓަކައި ހެދިފައި ހުންނަ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ތަބާވެ މި ފަދަ ކޮންމެ ފުރުޞަތެއްގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ.

އަޅުގަނޑުމެން ހިފިރޯދަ މަޤުބޫލު އަޅުކަމެއްކަމުގައި ލައްވާށިއެވެ. ކުރިޔަށް އޮތް ހަ ރޯދަ ހިފުމުގެ ޝައުޤާއި ހިތްވަރު އަޅުގަނޑުމެންގެ ރޫޙުގައި އަށަގަންނަވާށިއެވެ. ހެޔޮބަސް އަހާ ހެޔޮ ޢަމަލުމަތީ ދެމި ތިބޭ ބަޔަކު ކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ! އާމީން

01 ޝައްވާލް 1438

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް