ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާ
31 އޯގަސްޓް 2017الحمد لله رب العالمين، والصلاة والسلام على خاتم الأنبياء والمرسلين، سيدنا محمد وعلى آله وصحبه أجمعين
ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާއާއި މުބާރަކްބާދީ، ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރަމެވެ.
މިއީ 1438 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދާ އަޅުގަނޑުމެންނާ ބައްދަލުކުރި އުފާވެރި ވަގުތެވެ. އިސްލާމީ ދުނިޔެ މިއަދު އިޙްތިފާލުކުރަމުން މިދަނީ މަތިވެރި އެތައް ޒިކްރާއަކާ ގުޅިފައިވާ ޢީދެކެވެ. މުސްލިމުން މައްކާ ދޫކުރަން ޖެހުނު ހަނދާނެވެ. އެނބުރި ނަޞްރާއި ފަތަޙަ ލިބުނު ގޮތުގެ ހަނދާނެވެ. އެ މާތް މައްކާގައި ދެވުނު ޙައްޖަތުލްވަދާޢުގެ މާތް ޚުޠުބާގެ ފިލާވަޅުތަކާއި ފުން އަސަރެވެ.
ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދެކަނބަލުންނަށާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދަށާއި، ދިވެހި އެންމެހައި ފުލުހުންނަށް އަރިސްކުރަމެވެ. ފުލުހުންގެ މުއައްސަސާގައި ޚިދުމަތްކުރައްވާ މަދަނީ އެހެނިހެން މުވައްޒަފުން ވެސް، ދިވެހި ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ އެންމެހައި ފުލުހުންނާއި، އަދި އަޅުގަނޑުމެން އެންމެންގެ ލޮބުވެތި އާއިލާތަކާއި، ދިވެހި އެންމެހައި ރައްޔިތުން ހިމެނޭ ގޮތުންނެވެ.
އަޅުގަނޑު ހިތުން މިއަދު އަޅުގަނޑުމެން މިޢީދު ފާހަގަކުރާއިރު، އަދުގެ އިސްލާމީ އުންމަތުގެ ޙާލަތާއި މި ދެންނެވި ޛިކުރާތަކާ ގުޅުވައި ކަންކަން އަޅައިބަލައިލުން މުހިންމެވެ. ހަމަ ކޮންމެ މުސްލިމަކު އޭނާގެ މަސްއޫލިއްޔަތާ މެދު ފިކުރުކޮށްލުން މުހިންމެވެ. ބޭނުންވަނީ އިޚްލާޞްތެރި ނިޔަތާއި ތެދުވެރި ޢަމަލެވެ. އެ ކަންކަމުން ލިބޭ، ހޯދާ އުފަލެވެ.
ޢީދެއްގެ އެންމެ ބޮޑު އެއް މަޤުޞަދަކީ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. އެގޮތުން ލިބޭ ހިތްހަމަޖެހުމެވެ. މިއީ ރާއްޖެއަށް މިވަގުތު ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ކަމެކެވެ. ކޮންމެ ފަރުދަކު އެ މީހެއްގެ ޤައުމީ ޒިންމާއަށް އަމާނާތްތެރިވުމުން އެކަން ޙާޞިލްވާނެކަމަށް ދެކެމެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ރަނގަޅު ދުވަސްވަރެއް ނޫނެވެ. ކަނޑުތައްގަދައެވެ. ނަމަވެސް އީދަށް ޓަކައި ވެވޭ ދަތުރުތައް ގިނައެވެ. އެހެންކަމުން ރައްކާތެރިކަމަށްޓަކައި ހެދިފައި ހުރި ޤާނޫނުތަކާއި އުސޫލުތަކަށް ފަރުވާތެރިވުމަށް ދަންނަވަމެވެ. އަދި މި ފަދަ ދަނޑިވަޅުގައި ފުލުހުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ ކަންކަން ބެލެހެއްޓުމުގައި އުފުލާ ބުރައާއި ވާ ޤުރްބާނީ މަތިން ހަނދާންކޮށް ޝުކުރުއަދާކުރަމެވެ.
އަޅުގަނޑުމެންގެ ޙައްޖުވެރީންގެ ޙައްޖު މަބްރޫރު ޙައްޖެއްކަމުގައި ލައްވާށިއެވެ. އަޅުގަނޑުމެންގެ މެދުގައި އަޚްވަންތަކަމާއި ދޭދޭގުޅުން ހެޔޮގޮތުގައި ޤާއިމްކުރައްވާށިއެވެ. ހެޔޮބަސް އަހާ ހެޔޮ ޢަމަލުމަތީ ދެމި ތިބޭ ބަޔަކު ކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ! މި ލޮބުވެތި ވަޠަން މިނިކަންކަންމަތީ އަބަދުމެ ލައްވާށިއެވެ!
-----------------------------
عيد مبارك
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް