ޚަބަރު

ޖުމްހޫރީ ދުވަހާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް ދެއްވާ ޚިޠާބު

11 ނޮވެމްބަރ 2018

Jumhooree Dhuvas

الحمد لله رب العالمين، والصلاة والسلام على أشرف المرسلين، نبينا محمد وعلى آله وصحبه أجمعين

މިއަދަކީ ޖުމްހޫރީ ދުވަހުގެ ގޮތުގައި ދިވެހިރާއްޖޭގައި ފާހަގަކުރެވޭ ދުވަހެވެ. ޖުމްހޫރީ ދުވަހަކީ ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމު ނުވަތަ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކުން ޖުހޫރިއްޔަތަކަށް ބަދަލުވުމާގުޅިގެން ފާހަގަކުރެވޭ ތާރީޚީ މުނާސަބާއެކެވެ. މި އުފާވެރި މުނާސަބަތުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށާއި، ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސް މުންތަޚަބް، އިބްރާހީމް މުޙަންމަދު ޞާލިޙަށް އަރިސްކުރަމެވެ. އަދި ދިވެހި އެންމެހައި ފުލުހުންނާއި އެންމެހައި ދިވެހި ރައްޔިތުން މި އިޚްލާޞްތެރި ޝުޢޫރުގައި ޝާމިލުކުރަމެވެ.

ޖުމްހޫރުގެ އެއް މާނައަކީ ރައްޔިތުންނެވެ. ޖުމްހޫރީ ވެރިކަމޭ ބުނެވޭ ބަހުގެ މަޤުޞަދަކީ ރައްޔިތުންގެ ފަރާތުން ވެރިކަންކުރާނެ މީހަކު ރައްޔިތުން ކަނޑައަޅައި އެ މީހަކާ އެ އަމާނާތް މަތިކޮށްގެން ހިންގޭ ވެރިކަމެވެ. މި ފަދަ ވެރިކަމުގެ ނިޒާމެއްގައި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިވެފައި އޮތުމާއި، ޤައުމުގެ އެތެރޭގެ ޞުލްޙަ މަޞްލަޙާތާއި އަމާންކަން އޭގެ އެންމެ ތަނަވަސް މާނައިގައި ކަށަވަރުވެފައި އޮތުމީ މި ނިޒާމުގެ އެންމެ މުހިންމު އެއް އަސާސެވެ.

ދިވެހި ފުލުހުންނަކީ މި ގޮތުން ރައްޔިތުންނަށް ބޭނުންވާ އަމާންކަމާއި ރައްކާތެރިކަން ހޯދައިދިނުމުގެ ޤައުމީ ވާޖިބު ކޮނޑުއަޅައިގެން ތިބޭ މީހުންނެވެ. ޖުމްހޫރީ ވެރިކަމާއި ފުލުހުންނާ ސީދާ ގޮތެއްގައި ގުޅޭ އެންމެ ޚާއްޞަ އެއް ހައިސިއްޔަތަކީ މިއެވެ.

ދިވެހި ރާއްޖޭގެ ދެ ފަހަރެއްގެ މަތިން ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވިއެވެ. ފުރަތަމަ 1953ވަނަ އަހަރުއެވެ. އޭގެ ފަހުން އަނެއްކާ ވެސް ރަސްކަމެއް އައެވެ. ދެން 1968ވަނަ އަހަރުއެވެ. ޖުމްހޫރީ ފަންސާސް ގުނެނީ މި ފަހު ތާރީޚުން ފެށިގެންނެވެ.

މި އަހަރަކީ ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ ތާރީޚީ އަހަރެވެ. މިއަދު ދިވެހި ޤައުމު މި ފާހަގަ ކުރަނީ އެ ތާރީޚީ މުނާސަބާއެވެ. އެހެންކަމުން ފާއިތުވި ދިގު މާޒީގައި ރާއްޖޭގެ ދާޚިލީ އަމްނު ޙިމާޔަތްކުރުމުގައި ދިވެހި ފުލުހުން އަދާކޮށްފައިވާ މުހިންމު ދައުރު އިޙްސާސްކުރުމާއެކު، މުސްތަޤުބަލުގައި ފުލުހުން އަދާކުރާން އޮތް މަސްއޫލިއްޔަތާ މެދު ފިކުރު ހިންގައިލުން އެއީ ބޭނުންތެރިކަމެއްކަމުގައި ދެކެމެވެ.

ރާއްޖެ މިއަދު މި ދަނީ ބޮޑެތި ބަދަލުތަކެއް ދެކެމުންނެވެ. ތަޢުލީމީ ގޮތުން ބަލާއިރު ހޭލުންތެރިކަން އިތުރުވެ ދުނިޔޭގެ އެކި ސަގާފަތްތަކަށް ލޯ ހުޅުވެމުން އެބަ ދެއެވެ. ޢުމްރާނީ ގޮތުން ބަލާއިރު ރަށްތައް ބިނާވެ ދިރިއުޅުމުގެ ޒަމާނީ އާ ވައްޓަފާޅިތަކާއި ވަސީލަތްތައް ތަޢާރުފުވަމުން އެބަދެވެ. އިޤުތިޞާދީ ގޮތުން ބަލާއިރު ފުދުންތެރިކަން އިތުރުވެ ދުނިޔޭގެ އެތަން މިތަނަށް އުދުހުމަކީ ރައްޔިތުންނަށް މާ ބޮޑު ބުރަޔަކަށް ނުވެއެވެ. ޓެކްނޯލޮޖީގެ ކުރިއެރުމަށް ބަލާއިރު ގޭގެޔާއި ޤައުމުގެ ހުރިހައި އިންފާރެއް މިހާރު މާ ތިރިވެއްޖެއެވެ. އެ ފާރުތަކުގެ މަތިން ޒަމާނީ ދުނިޔޭގެ އެކި އެކި ފިކުރުތައް، އޭގެ ތެރޭން ހެވާއި ނުބައި އެއްވެސް ހުރަހެއް ނެތި ގިރާކުރަނީއެވެ. ހުރިހައި ދިވެހީންނާ ހަމައަށެވެ. ހަރެއް ހަގެއް ދޮށްޓެއް ޒުވާނެއް ފަރަގު ނުވާގޮތަށެވެ. ކުޑަވެސް ފިލްޓަރުވުމެއް ނެތިއެވެ. ރާއްޖޭގައި އުޅޭ އެކި ގިންތީގެ ބިދޭސީންނާއި ރާއްޖެ ޒިޔާރަތްކުރާ އެތައް ހާސް ފަތުރުވެރީންނާ ދިވެހީންނާ މިލި އުފެދޭ ގާތްކަމާއި ފިކުރީ ސަގާފީ މަސްހުނިކަމެވެ. މި ހުރިހައި ކަމަކާއެކު މިއަދުގެ ރާއްޖެއަކީ ސިޔާސީ ޕާޓީތަކެއް ހިމެނޭ ޑިމޮކްރެޓިކް ނިޒާމަކަށް ޤައުމުގެ ހިންގުން ބަދަލުވެފައިވާ ރާއްޖެއެކެވެ.

އެހެންކަމުން މި ޙަޤީޤަތްތަކުގެ ކުރިމަތީގައި ދިވެހި ފުލުހުންގެ ޒިންމާ އިންތިހާއަށް އިތުރުވާނެއެވެ. ޚުޠޫރަތްތެރިވާނެއެވެ. ފުލުހުންނަށް ބޭނުންވާ ޤާބިލުކަން އެތައް ގުނަޔަކަށް އިތުރުވާންޖެހެއެވެ. އިންސާނީ ޤާބިލުކަމާއި ވަސީލަތުގެ ޤާބިލުކަމެވެ.

ކުށްކުރާ މީހުން ކުށްކުރުމުގެ އުކުޅުތައް ބަދަލުކޮށްފިއެވެ. ހަމަ އެހެންމެ މަގު ހިނގުމާއި ތަކެތި ދުއްވުމާ ހަމައިން ފެށިގެން، ދޭދޭ ގުޅުންތަކުގައި އުފެދޭ ބައެއް ކަހަލަ ނުތަނަވަސް ޝުޢޫރުގެ ނަތީޖާ ވެސް ފުލުހުންގެ އެހީއާ ނުލައި ބައެއް ފަހަރު ސަލާމަތުގެ އައްސޭރިޔަކަށް ނުނިމެއެވެ. އެހެންކަމުން ތަރުބަވީ ގޮތުންނާއި އަޚްލާޤީ ގޮތުން މީހުންގެ މިޒާޖަށް ހެޔޮ ބަދަލުތެއް އިޞްލާޙުތަކެއް ބޭނުންވެއެވެ. ވިސްނާ ގޮތާއި ދެކޭ ގޮތް ތަފާތު މުޖުތަމަޢެއްގައި ކަންކަން ތަޙަންމަލުކޮށް އެކަކު އަނެކަކަށް އިޙްތިރާމުކުރަން ދަސްވެފައި އޮތުން މުހިންމެވެ.

ދިވެހި ރައްޔިތުންގެ ޠަބީޢަތަކީ ޞުލްޙައަށް ލޯބިކުރުމެވެ. އަމާންކަމަށް ބޭނުންވުމެވެ. ރައްޔިތުން ފުލުހުންގެ ކިބައިން އެދެނީ މި އުފާވެރިކަމަށެވެ. ރައްކާތެރި އަމާން މުޖުތަމަޢަކަށެވެ. އެއީ ޖުމްހޫރު އެދޭ ގޮތެވެ. އުންމީދެވެ.

ދިވެހި ފުލުހުންނަކީ ދިވެހީންނެވެ. ދިވެހި ރައްޔިތުންގެ ދަރީންނެވެ. ދިވެހި އާއިލާތަކެވެ. ދިވެހި ފުލުހުން އަބަދުވެސް ހިންމަތްކުރަނީ ހިންމަތްކުރާނީ އަދި ހިތްމަތްކުރާންވީ ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރުމަށެވެ. ފުރިހަމަޔަށް މަސްއޫލިއްޔަތު އުފުލުމަށެވެ. މަޤުޞަދަކީ އަމާން ޞުލްޙަވެރި ތަހުޒީބު ވެށްޓެއް ޤާއިމުކުރުމެވެ.

އެހެންކަމުން މިއަދު ދިވެހި ފުލުހުން ރައްޔިތުންނަށް އަރުވާ ޔަޤީން ކަމަކީ ދިވެހިރާއްޖޭގެ އެތެރޭގެ ހަމަޖެހުން ޤާއިމުކުރުމުގައި ދިވެހި ފުލުހުން ރައްޔިތުންގެ އުންމީދުތައް ޙާޞިލުކޮށްދޭނެކަމެވެ. ޤާނޫނުގެ އެންމެ އަކުރަކަށް ވެސް ދިވެހި ފުލުހުން އިހުމާލު ނުވާނެކަމެވެ. މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ ދެމެހެއްޓުމުގައި އުފުލާ ކޮންމެ ފިޔަވަޅެއް އަޅާނީ ސާބިތުކަމާއެކު ސީދާ ކުރިޔަށް ކަމެވެ.

އޯގާވަންތަ ﷲ މި ގޮތުގައި އަޅުގަނޑުމެން ދިވެހި ފުލުހުނަށް ހެޔޮ ތައުފީޤ ދެއްވާށިއެވެ. މި ލޮބުވެތި ދިވެހި ފަސްގަނޑުގައި އަބަދުވެސް އަމާންކަމާއި ޞުލްޙަވެރިކަމުގެ ފިނި ވައިރޯޅިން އުފާވެރިކަން ދަމަހައްޓަވާށިއެވެ!

------------------------------ 11 ނޮވެމްބަރ 2018

ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދު