ޚަބަރު

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކާމެދު އިތުބާރުކުރެވޭ މަޤާމެއްގައި ތިބި ބަޔަކު ޖިންސީ ގޯނަ ކުރިކަމަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭ

18 ޖަނަވަރީ 2020
ނޫސްބަޔާން ނަންބަރު:PMC/2020/01

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކާމެދު އިތުބާރުކުރެވޭ މަޤާމެއްގައި ތިބި ބަޔަކު ޖިންސީ ގޯނަ ކުރިކަމަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން ދަންނަވަމެވެ.

އެއް ޢާއިލާއަކަށް ނިސްބަތްވާ ތިން މީހަކު ހިމެނޭ ގޮތަށް ދެ އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި، އަނިޔާ ލިބުނު ކުޑަ އަންހެން ކުއްޖާއާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް މަޢުލޫމާތު ލިބިފައިވަނީ 2020 ޖަނަވަރީ 15 ވީ ބުދަ ދުވަހުގެ ހަވީރު 1630 ހާއިރުއެވެ. އެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުނު މައްސަލައިގައި ވަނީ ކުއްޖާގެ ބައްޕަ ފަރާތު ކާފަ (62 އަހަރު) ކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭތީއާއި، ކުއްޖާގެ މުނިކާފަ (82 އަހަރު)އަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމުގެ ރިކޯޑު އޮންނަ މީހަކަށްވާތީއާއި، ކުއްޖާގެ މައިންބަފައިނަކީ ކުށުގެ ރިކޯޑު އޮންނަ ބަޔަކަށްވާތީއާއި، އަދި ކުއްޖާގެ މަންމަގެ ހާލު ދެރަވެގެން ޑަކުޓަރަށް ދެއްކުމަށް ރަށުން ބޭރަށް ދަތުރުކޮށްފައިވާތީ، މި ވަގުތު ކުއްޖާ ދިރިއުޅެމުން އަންނަ މާޙައުލަކީ ކުއްޖާއަށް ރައްކާތެރި މާޙައުލަކަށް ނުވާތީ، ކުއްޖާގެ މަންމަ ފަރާތުގެ ޢާއިލާއިން ކުއްޖާ މަންމައާ ޙަވާލުކުރުމަށް މަސައްކަތްކުރުމުން، ކުއްޖާގެ ބައްޕަ (33 އަހަރު) އެކަމަށް ހުރަސްއަޅައި ކުއްޖާ ނުދިން މައްސަލައިގެ ގޮތުގައެވެ. މި މައްސަލަ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސަމާލުކަމަށް އައުމާއެކު، ހަމަ އެ ދުވަހުގެ 1930 ހާއިރު ކުއްޖާ ދިރިއުޅެމުން ދިޔަ މާޙައުލަށް މިނިސްޓްރީގެ ކޭސް ވޯކަރުންނާއި ފުލުހުން ގޮސް މަޢުލޫމާތު ސާފުކުރުމަށްފަހު ކުއްޖާގެ މެޑިކަލް އެސެސްމެންޓް ހެދުމަށްޓަކައި އެރޭގެ 2045 ހާއިރު އެ ކުއްޖާ މިނިސްޓްރީގެ ކޭސް ވަރކަރުންގެ ބެލުމުގެ ދަށަށް ގެނެސް އެރޭގެ 2255 ހާއިރު ކުއްޖާ ސަރަޙައްދީ ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި ކުއްޖާ ޑަކުޓަރަށް ދައްކައި ބެލިބެލުމުން ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާކަމަށް ބެލެވޭތީ ކުއްޖާ ރައްކާތެރި މާޙައުލަކަށް ބަދަލުކުރުމަށްޓަކައި ކުއްޖާ ޢާއިލާގެ ފަރާތުން ބޮޑުދައިތައާ ވަގުތީ ގޮތުން ޙަވާލުކުރެވިފައިވެއެވެ.

އަދި ކުއްޖާގެ ބޮޑުދައިތައަށް ގިނަ ދުވަސްތަކެއް ވަންދެން ކުއްޖާ ބެލެހެއްޓުމުގެ ޒިންމާއާ ޙަވާލުވުމުގައި ދަތިތަކެއް ހުރުމާއެކު، ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ޙަވާލުކުރުން އެންމެ ރަނގަޅު ފަރާތެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ކުއްޖާގެ މާމަކަމަށްވުމާއި، މާމާއާ ކުއްޖާ ޙަވާލުކުރުމަށާއި، ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާކަން ފާހަގަކުރެވިފައިވާތީ، ކުއްޖާއަށް ލިބިފައިވާ ގެއްލުންތައް އިތުރަށް ވަޒަންކުރުމަށްޓަކައި 2020 ޖަނަވަރީ 17 ވަނަ ދުވަހުގެ ރޭ 2030 ހާއިރު ކުއްޖާގެ މަންމަ ފަރާތު ބޮޑުދައިތައެއްގެ ޙަަވާލުގައި ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ކުއްޖާ މާލެ ގެނެވި ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވެއެވެ.

މި މައްސަަލަ އިތުރަށް ތަޙުޤީޤުކުރުމަށާއި، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ފުލުހުންގެ ތަޙުޤީޤު ޓީމެއް 2020 ޖަނަވަރީ 16 ވަނަ ދުވަހު ހެނދުނު ކުއްޖާ ދިރިއުޅޭ ރަށަށް ދިޔުމަށްފަހު ކަމާ ގުޅޭ ފަރާތްތަކާ ސުވާލުކޮށް ހެއްކާއި ގަރީނާ އެއްކުރުމަށްފަހު 2020 ޖަނަވަރީ 17 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކުރުމަށް ކޯޓު އަމުރަށް އެދި ހުށަހެޅުނެވެ. އަދި 2020 ޖަނަވަރީ 17 ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައި ކޯޓު އަމުރު ނެރުމުން މެންދުރުފަހުގެ 1500 އާއި 1525 ދެމެދު މި މައްސަލައިގައި ތުހުމަތުކުރެވޭ ބައްޕަ ފަރާތު ކާފައާއި ކުއްޖާގެ މުނިކާފަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނެވެ. އަދި އިތުރަށް ސާފުކުރަން ޖެހޭ މަޢުލޫމާތު ސާފުކުރުމަށްފަހު ކުއްޖާގެ ބައްޕަ 2020 ޖަނަވަރީ 17 ވަނަ ދުވަހުގެ 1930 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.

މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި މިިނިސްޓްރީއާއި ފުލުހުން ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ.

ނޯޓް: މި ޕްރެސް ސްޓޭޓްމަންޓަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ގުޅިގެން ނެރެފައިވާ ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓެކެވެ.