ޚަބަރު

2020 ފެބްރުއަރީ 27 ވަނަ ދުވަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުކުރި މައްސަލައާ ގުޅޭ

27 ފެބްރުއަރީ 2020

ނޫސްބަޔާން ނަންބަރު: PMC/2020/07

2020 ފެބްރުއަރީ 27 ވަނަ ދުވަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުކުރި މައްސަލައާ ގުޅޭ ގޮތުން ބައެއް މީޑިޔާތަކުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންނާ ހަވާލާދީ އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރި މައްސަލައާ ގުޅޭގޮތުން ލިޔުއްވާފައިވާ ޚަބަރުތަކާ ގުޅޭ ގޮތުން ދަންނަވަމެވެ.

2020 ފެބްރުއަރީ 27 ވަނަ ދުވަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުކުރެވުނީ މީގެ ކުރިން އެމަނިކުފާނުގެ މައްޗަށް ތަޙްޤީޤްކުރެވި ޝަރީއަތް ހިންގިފައިވާ މައްސަލައެއްގައި ނޫންކަމަށާއި އެމަނިކުފާނު ތަޙްޤީޤަށް ހާޒިރުކުރެވުނީ ތިރީގައި ބަޔާންކޮށްފައިވާ މައްސަލަތަކުގެ ތަޙްޤީޤަށް ސުވާލުކޮށް ބަޔާން ނެގުމަށްޓަކައި ކަމުގައި ދަންނަވަމެވެ. މީގެ ތެރެއިން 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައްސަލައަކީ މީގެކުރިންވެސް އެމަނިކުފާނާ ސުވާލުކުރެވި ތަޙްޤީޤް ކުރެވެމުން އައި މައްސަލައެކެވެ. އަދި މިއަދުގެ ތަޙްޤީޤްގައިވެސް އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކާއި އަދި ތަޙްޤީޤް މަރުހަލާގައި ޤާނޫނީ ގޮތުން އަންގަންޖެހޭ އެންގުންތައް ލިޔުމުން ވަކީލުންގެ ހާޒިރުގައި އެންގިފައިވާކަމުގައި ދަންނަވަމެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ޓުއަރިސްޓް ރިސޯޓް ތަރައްޤީ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަޅުތަކާއި ރަށްތައް ކޮރަޕްޝަންގެ އަމަލު ހިމެނޭގޮތަށް އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމަށްފަހު، އެރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު $77,504,912.00 (ހަތްދިހަ ހަތްމިލިއަން ފަސްލައްކަ ހަތަރުހާސް ނުވަސަތޭކަ ބާރަ ޑޮލަރު) އަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި، ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް ބޭރުފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމް.އެމް.ޕީ.އާރު.ސީ އަށް -/220,704,546ރ (ދުއިސައްތަ ވިހި މިލިޔަން ހަތްލައްކަ ހަތަރުހާސް ފަސްސަތޭކަ ސާޅީސް ހަ ރުފިޔާ) ހޯދުމަށްފަހު އެފައިސާއަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި، ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް އެމް.އެމް.ޕީ.އާރު.ސީ އިން އަމިއްލަ ފަރާތްތަކަށާއި، ކުންފުނިތަކަށް ލޯނުގެ ގޮތުގައި -/1,900,000ރ (އެއްމިލިއަން ނުވަލައްކަ ރުފިޔާ) ދޫކޮށް، އެފައިސާއަށް ޚިޔާނާތްތަރިވެ، އެފައިސާ ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި؛

މިނިސްޓްރީ އޮފް ޓޫރިޒަމާއި އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ޓުއަރިސްޓް ރިސޯޓް ތަރައްޤީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި -/$1,118,000 (އެއްމިލިއަން އެއްލައްކަ އަށާރަހާސް ޔޫ.އެސް ޑޮލަރު) ނަގައި އެފައިސާ އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުންކޮށްގެން ލޯންޑަރ ކޮށްފައިވާ މައްސަލަ.

މައްސަލަތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހާޒިރުވާ ވަކީލުން މިސަރވިސްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރެވޭ ތަޙްޤީޤްތަކާއި އަދި އެފަދަ ތަޙްޤީޤްތަކާ ގުޅިގެން ހިންގޭ އިޖުރާޢަތުތައް ރައްޔިތުންނަށް އޮޅި މިސަރވިސްގެ މަސައްކަތަކާއި މެދު ނުބައި ތަސައްވުރެއް އުފެދޭގޮތަށް އަމަލުނުކުރުމަށް މިފުރުސަތުގައި އިލްތިމާސްކުރަމެވެ.