ޚަބަރު

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާއްމު ސިއްޙަތު ރައްކާތެރިކުރުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން ނެރުއްވާފައިވާ އިޢުލާން ނަމްބަރު 28/2020 އާ ގުޅޭ

02 އޭޕްރިލް 2020

ނޫސްބަޔާން ނަންބަރު: PMC/2020/09

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާއްމު ސިއްޙަތު ރައްކާތެރިކުރުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން ނެރުއްވާފައިވާ އިޢުލާން ނަމްބަރު 28/2020 އާ ގުޅޭގޮތުން ދަންނަވަމެވެ.

ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމުގެ މަތިން 2020 އޭޕްރިލް 02 ވަނަ ދުވަހުން ފެށިގެން 17:00 ން 20:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލެ ސަރަޙައްދުގައި މަގުމަތީގައި މީހުން އުޅުމާއި އަދި އުޅަނދުފަހަރު ދުއްވުން މަނާވުމާއި އަދި އެހެން ވަގުތުތަކުގައި އެއްފަހަރާ 03 މީހުންނަށްވުރެ އިތުރަށް މީހުން މަގުމަތީގައި އެއްވެ އުޅުން މަނާކުރައްވާ އަންގަވާފައިވާ ކަންކަން މި ސަރވިސްގެ ފަރާތުން ތަންފީޒު ކުރަމުން ގެންދާނެކަމުގައި ދަންނަވަމެވެ. މިގޮތުން، އެ އެންގެވުމާ ޚިލާފުވާ ފަރާތްތަކަށް ނަސޭޙަތްތެރިވެ އެކަން ތަކުރާރުވާނަމަ ޖޫރިމަނާ ކުރެވޭނެއެވެ.

އާއްމު ސިއްޙަތުގެ ކުއްލި ނުރައްކާ އިޢުލާންކޮށްފައިވާ މި ނާޒުކު ދަނޑިވަޅުގައި ހުރިހާ ބޭފުޅުންވެސް ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާ އެއްގޮތަށް ޢަމަލުކުރައްވާ، އިޖްތިމާޢީ ގައިދުރުކުރެއްވުމަށް މި ސަރވިސްއިން ތަކުރާރުކޮށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ކަމާބެހޭ އިދާރާތަކުގެ އެންގުމާ އެއްގޮތަށް ޢަމަލުކުރައްވާ ބޭފުޅުންނަށް ޝުކުރުދަންނަވަމުން، ފުލުހުންގެ ވާޖިބު އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމަށްވެސް ޝުކުރު ދަންނަވަމެވެ.