ކުށްމަދު އަމާން މާހައުލެއް ގާއިމުކޮށް ރައްޔިތުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޅ. ނައިފަރުގެ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ނައިފަރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މި ޖޫން މަހުގެ 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، އެކި ނަންނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މަސައްކަތްކުރުން އާންމުވެފައިވާތީ އެފަދަ ކަންކަމުން ރައްކާތެރިވުމަށް މައުލޫމާތުދީފައިވެއެވެ. އަދި އެގޮތަށް ގުޅާ ފަރާތްތަކުގެ ކޯލުތަކަށް ޖަވާބުދާރީ ނުވުމަށާއި، މިފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން އިތުރަށް އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި ކޯވިޑް 19 އާ ގުޅިގެން ރަށް މޮނިޓަރިންގއަށް ލާފައިވުމާއެކު އާއްމުންނަށް ހިދުމަތް ދިނުމުގައި ވިސްނަންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެ އިތުރުން، އާއްމު ރައްޔިތުން ބޭރަށް ނުކުމެ އުޅުން މަދު ދުވަސްވަރެއްކަމުން ވިޔަފާރިކުރާ ތަންތަނަށް އަމާޒުކޮށްގެން ހިންގާ ކަންކަން މަދުކުރުމަށް އެ ތަންތަނުގެ ސެކިއުރިޓީ ހުރި ނެތްގޮތް ބަލައި ސީސީޓީވީ ކެމެރާ ނެތް ތަންތަން ފާހަގަކޮށް އެ ތަންތަނުގައި ކެމެރާ ހަރުކުރުމަށް އިރުޝާދުދީ އަދި އިތުރަށް ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.