ޚަބަރު

ތިލަފުށީ ފަޅުގައި އޮތް ބޯޓެއްގައި ރޯވެ 04 މީހަކު ފިހިއްޖެ

27 އޮކްޓޯބަރ 2013

މާލެއިން މުދާ ބަރުކޮށްގެން ގޭސް އެރުވުމަށް މާލެ އަތޮޅު ތިލަފުއްޓަށް ގޮސް ތިލަފުށީ ފަޅުގައި އޮތް  "ފުނަމާ" ނަމަކަށް ކިޔާ ބޯޓުގައި އަލިފާން ރޯވެ އެބޯޓުގައި ތިބި ދިވެހިންގެ 02 މީހަކާއި ބިދޭސީ 02 މީހަކު

ފިހިއްޖެއެވެ.

މިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:59 ހާއިރުއެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި ފިހުނު ދެ ދިވެހިންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް އެވެ. އޭނާގެ ހަށިގަނޑުން 55 އިންސައްތައާއި 60 އިންސައްތައާ ދެމެދު ފިހިފައިވާ ކަމަށް ޑޮކްޓަރުން މަޢުލޫމާތު ދެއްވައެވެ. އަދި ފިހުނު އަނެއް ދިވެހި މީހާގެ ހަށިގަނޑުން 25 އިންސައްތަ ފިހިފައިވާއިރު ބިދޭސީ ދެމީހުންގެ ހަށިގަނޑުން 5 އިންސައްތައާއި 6 އިންސައްތަ ފިހިފައިވާ ކަމަށްވެސް އައި.ޖީ.އެމްއެޗުން އެމީހުން ބެއްލެވި ޑޮކްޓަރުން މަޢުލޫމާތު ދެއްވައެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ފުރަތަމަ އަލިފާން ރޯވެފައިވަނީ އެބޯޓުގެ އިންޖީނުގޭގައެވެ.

އެމް.އެން.ޑީއެފް ފަޔަރ އެންޑް ރެސްކިއުގެ ބޭކަލުންނާއި ފުލުހުންނާއި ތިލަފުށީގައި މަސައްކަތްކުރާ މީހުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރުވަނީ ކޮންޓްރޯލްކުރެވިފައެވެ.

މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުން ގެންދަނީ ތަޙްޤީޤްކުރަމުންނެވެ.