ޚަބަރު

ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް 3 މީހަކު ހޯދަނީ

15 ފެބްރުއަރީ 2014

ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ތަފާތު ތިން މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ތިން މީހަކު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ފުލުހުން އެމީހުން ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އުޅޭ ވަކި ތަނެއް ނޭގި ހޯދައި ނުފެނިފައިވާތީ މި މީހުން ހޯދުމަށް ޢާއްމުކޮށް އިޢުލާން ކޮށްފިއެވެ.

ފުލުހުންގެ ބަންދުގައި ބަހައްޓައިގެން 2014 ފެބްރުއަރީ 16 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ޙާޟިރު ކުރުމަށް އެކޯޓުން ކޮށްފައިވާ އަމުރުތަކާގުޅިގެން ހޯދަމުންދަނީ ސ. މަރަދޫ، މާޖެހިގެ، އިބްރާހީމް ސާމިޢު (44އ) އާއި ސ. ހުޅުދޫ، ކުދީނާގެ، އަޙްމަދު ރިޔާޙް (28އ) ގެ އިތުރުން ނ. މިލަދޫ، ސިނަމާވިލާ، އަޙްމަދު ނާޞިރު (27އ) އެވެ.

މި ތިން މީހުންގެ ތެރެއިން އިބްރާހީމް ސާމިޢަކީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުން ކުރުމާއި، ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަކަށް ކޯޓަށް ޙާޟިރު ކުރަން ބޭނުންވެ ޙާޟިރު ކުރެވިފައިނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމާ ގުޅިގެން ހޯދަމުންދާ މީހެކެވެ.

އަޙްމަދު ރިޔާޙަކީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައަކަށް ޙާޟިރު ކުރަން ބޭނުންވެ ޙާޟިރު ކުރެވިފައިނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމާ ގުޅިގެން ހޯދަމުންދާ މީހެކެވެ.

އަޙްމަދު ނާޞިރަކީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަކަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރު ކުރެވިފައިނުވާތީ  ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމާ ގުޅިގެން ހޯދަމުންދާ މީހެކެވެ.

ވީމާ މި މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ މީހުން ހޯދުމުގައި އާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.