ޚަބަރު

ތ. ވިލުފުށި، ހުވަނދުމާގެ، މަރްޔަމް ނަފްޙާ ނާޞިރު ގެއްލިގެން ހޯދަން ފަށަައިފި

01 އޯގަސްޓް 2014

 

ތ. ވިލުފުށި، ހުވަނދުމާގެ، މަރްޔަމް ނަފްޙާ ނާޞިރު (15އ) ދިޔަ ވަކިތަނެއް ނޭނގި ގެއްލިފައިވާކަމަށް ޢާއިލާއިން ފުލުހުންނަށް ރިޕޯރޓްކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

 

މަރްޔަމް ނަފްޙާ ނާޞިރު ދިޔަ ވަކި ތަނެއް ނޭނގި ގެއްލިފައިވަނީ 2014 ޖުލައި 27 ވަނަ ދުވަހުގެ ދަންވަރު 00:30 ހާއިރުއެވެ. ޢާއިލާއިން ކުރި މަސައްކަތުން މަރްޔަމް ނަފްޙާ ނާޞިރު ނުފެނުމާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވަނީ 2014 ޖުލައި 30 ވަނަ ދުވަހުގެ ހެނދުނު 10:35 ގައެވެ.

މަރްޔަމް ނަފްޙާ ނާޞިރު އެންމެ ފަހުން ފެނިފައިވަނީ އޭނާ މާލޭގައި ދިރިއުޅޭ ގެއިންނެވެ. އެއިރު އޭނާ ހުރީ ބުރުގާއެއް (ވަކި ކުލައެއް ނޭނގެ) އަޅައި ހުދުކުލައިގެ ޓޮޕަކާއި އައިސް ބްލޫ ޖީންސެއް ލައިގެންނެވެ. އަދި މަރްޔަމް ނަފްޙާ ނާޞިރަކީ ލޮލުގެ ކުލަ ކަޅު، ހަށިގަނޑު ހިކިކޮށް ހުންނަ ކުއްޖެކެވެ.

މަރްޔަމް ނަފްޙާ ނާޞިރާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އެމަޖެންސީ ނަންބަރު 119 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 9790163 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.