ޚަބަރު

ނޫސްބަޔާން

20 އޯގަސްޓް 2014

މ. ޝައިނިންގސްޓާރ، އަޙްމަދު ރިޟްވާން ޢަބްދުﷲ، (28އ)، ވީނުވީތަނެއް ނޭނގި ގެއްލިފައިވާކަން 13 އޮގަސްޓް 2014 ވަނަ ދުވަހު 13:15 ހާއިރު ފުލުހުންނަށް ހުށަހެޅުމާއެކު އޭނާ ހޯދުމަށާއި މިމައްސަލަ ތަޙުޤީޤު ކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ފުލުހުންގެ މުއައްސަސާއިން މިދަނީ ކުރަމުންނެވެ. އެކަމަށްޓަކައި ޚާއްޞަ ޓީމެއް އެކުލަވާލައި ހޯދަން ޖެހޭ ހޯދުންތައް މިދަނީ ހޯދަމުންނެވެ. ބަލައި ފާސްކުރަންޖެހޭ ތަންތަން މިދަނީ ބަލައި ފާސްކުރަމުންނެވެ. ދިރާސާކުރަންޖެހޭ ސީސީޓީވީ ފުޓޭޖާއި އެހެނިހެން ތަކެތި މިދަނީ ދިރާސާކުރަމުންނެވެ. މިކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އޭނާ ހޯދުމަށާއި ފުރިހަމަ ތަޙުޤީޤެއް ކުރުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުންގެ ހުރިހާ ވަޞީލަތެއް ބޭނުންކޮށްގެން މިދަނީ ކުރަމުންނެވެ. އެފަދަ މަސައްކަތްތަކުގެ ތަފްޞީލްތަކަކީ މިފަދަ ނާޒުކު މައްސަލައެއްގައި ރައްޔިތުންނާ ޙިއްސާކުރެވޭނެ މަޢުލޫމާތުތަކެއް ނޫނެވެ.

އެހެންނަމަވެސް މިމަސައްކަތުގެ ޙަޤީޤަތެއް އަދި ބޮޑު ކުޑަމިނެއް ބެލުމެއްނެތި ސިޔާސީ ބައެއް ފަރާތްތަކުންނާއި ބައެއް މީޑިއާތަކުން ފުލުހުންގެ މަސައްކަތާދޭތެރޭ ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުން އުފެދޭގޮތަށް މަޢުލޫމާތު ފަތުރައި ވާހަކަދައްކާކަން ހިތާމައާއެކު ފާހަގަ ކުރަމެވެ.

3ފުލުހުންގެ މުއައްސަސާއަކީ ޖިނާޢީ ކުށްތައް ތަޙުޤީޤުކޮށް، ޕްރޮސެކިއުޓަރ ޖެނެރަލްއަށް ހުށަހެޅުމުގެ ޤާނޫނީ ޒިންމާ އޮތްފަރާތުގެ އިތުރުން ރާއްޖޭގައި ރައްޔިތުންގެ މަޞްލަޙަތު ހިފަހައްޓައި އަމާން ވެއްޓެއް ޤާއިމްކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތް ކުރަން ޤާނޫނުތަކުން ބާރުލިބިދީފައިވާ ފަރާތްކަމަށްވުމުން ފުލުހުންގެ މުއައްސަސާއިން ކުރާ ކޮންމެ މަސައްކަތެއްވެސް ކުރަމުންދާނީ މިކަންކަމަށް އިސްކަންދީގެންނެވެ.

ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ ސިޔާސީ ފަރާތްތަކަށާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނަށާއި ފަނޑިޔާރުންގެ އިތުރުން ނޫސްވެރިންނަށާއި މީޑިއާގެ ވަޞީލަތްތަކާއި ތަންތަނަށް އަމާޒުކޮށް ދީފައިވާ ޙަމަލާތައް ފުލުހުން ވާނީ ތަޙުޤީޤުކޮށް ޕްރޮސެކިއުޓް ކުރަން ފޮނުވާފައެވެ. އަދި އެފަދަ ބައެއް މައްސަލަތަކުގެ ޝަރީޢަތް މިއަދުވެސް އެދަނީ ކޯޓުތަކުގައި ހިނގަމުންނެވެ. މީގެ އިތުރުން މިދެންނެވި ފަރާތްތަކަށް ދީފައިވާ އެކިއެކި އިންޒާރުތަކާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް ފުލުހުން ވާނީ އަޅާފައެވެ.

ކުރިންވެސް ދެންނެވިފަދައިން މިގޮތުން އެޅި ކޮންމެ ފިޔަވަޅަކާއި ކުރެވުނު ކޮންމެ މަސައްކަތެއްގެ ތަފްޞީލް ސަލާމަތީ ސަބަބުތަކަށްޓަކައި ހާމަނުކުރިނަމަވެސް އެކަންކަން އަންގަންޖެހޭ ފަރާތްތަކަށް އަންގާފައިވާނެވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. ވަކިން ޚާއްޞަކޮށް ރާއްޖޭގެ މިނިވަން ނޫސްވެރިކަން ޙިމާޔަތްކޮށް ދަމަހައްޓައި، މީޑިއާގެ ތަންތަނާއި ވަޞީލަތްތަކަށް ދެވޭ ޙަމަލާތައް ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުންގެ މުއައްސަސާއިން ދަނީ ކުރަމުންނެވެ. މިގޮތުން ރާއްޖޭގައި ހިންގާ ބައެއް ޓީވީ ޗެނަލްތަކަށް އަމާޒުކޮށް އެޗެނަލްތައް ނިސްބަތްވާ ސްޓޭޝަންތަކަށް ދިން ޙަމަލާތަކުގެ ތެރެއިން ބައެއް މައްސަލަތަކުގެ ތަޙުޤީޤު ނިންމައި އެމައްސަލަތަކުގެ ޝަރީޢަތް ހިނގަމުންދާއިރު ބައެއް މައްސަލަތަކުގެ ތަޙުޤީޤު ނިންމައި ޕްރޮސެކިއުޓަރޖެނެރަލަށް ފޮނުވުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ. މީގެއިތުރުން ފާއިތުވި އަހަރު ރާއްޖެ ޓީވީގެ ޖަރނަލިސްޓަށް ދިން ޙަމަލާގެ ތަޙުޤީޤު ނިންމައި ޕްރޮސެކިއުޓްކުރަންފޮނުވި އެމައްސަލައިގެ ޝަރީޢަތް މިހާރު ފެށިގެން ކުރިޔަށް އެބަދެއެވެ.

ވީމާ ދަންނަވަމެވެ. މ. ޝައިނިންގސްޓާރ، އަޙްމަދު ރިޟްވާން ޢަބްދުﷲ، (28އ)، ވީނުވީތަނެއް ނޭނގި ގެއްލިފައިވާ މައްސަލައާއި ގުޅުވައިގެން ރައްޔިތުން ކަންބޮޑުވުން އުފެދޭގޮތަށް މިމައްސަލަ ސިޔާސީ ނުކުރުމަށް ސިޔާސީ ޕާޓީތަކަށާއި އެގޮތަށް މަސައްކަތްކުރާ މީޑިއާތަކަށް އިލްތިމާސް ކުރަމެވެ. މީގެއިތުރުން ބައެއް ފަރާތްތަކުން އަމިއްލަގޮތުން މިމައްސަލަ ތަޙުޤީޤުކުރުމުގެ ނަމުގައި މަސައްކަތްކޮށް ކަށަވަރުނުކުރެވޭ މަޢުލޫމާތުތައް އެކި ސިފަސިފައިގައި މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ހާމަކުރަމުން ދިއުމަކީ ފުލުހުން ކުރަމުންދާ ތަޙުޤީޤަށާއި އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތަށް އެޅޭ ހުރަހެއްކަމުގައި ދަންނަވަމެވެ.

މ. ޝައިނިންގސްޓާރ، އަޙްމަދު ރިޟްވާން ޢަބްދުﷲ، (28އ)، ވީނުވީތަނެއް ނޭނގި ގެއްލިފައިވާ މައްސަލައާއި ގުޅިގެން ލިބޭ ހުރިހާ މަޢުލޫމާތެއް ފުލުހުންނާ ޙިއްސާކޮށް މިމަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ފުލުހުންގެ ތަޙުޤީޤަށް ދެއްވުމަށް މިރުޞަތުގައިވެސް އިލްތިމާސް ކުރަމެވެ. ހަމައެހެންމެ މިފަދަ މައްސަލަތަކުގެ ތަޙުޤީޤު ކުރިޔަށް ގެންދިއުމުގައިި ޢާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެހީތެރިކަމާ އެއްބާރުލެއްވުމަށް މިފުރުޞަތުގައިވެސް ޝުކުރު ދަންނަވަމެވެ.