ޚަބަރު

މ. ޝައިނިންގ ސްޓަރ، އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމުގެ މަސައްކަތް ކެނޑިނޭޅި ފުލުހުން ދަނީ ކުރަމުން

24 އޯގަސްޓް 2014

 

މ. ޝައިނިންގސްޓާރ، އަޙްމަދު ރިޟްވާން ޢަބްދުﷲ، (28އ)، ވީނުވީތަނެއް ނޭނގި ގެއްލިފައިވާކަން 13 އޮގަސްޓް 2014 ވަނަ ދުވަހު 13:15 ހާއިރު ފުލުހުންނަށް ހުށަހެޅުމާއެކު އޭނާ ހޯދުމަށާއި މިމައްސަލަ ތަޙުޤީޤު ކުރުމަށް ފެށި ޚާއްޞަ މަސައްކަތްތައް ހުއްޓުމެއްނެތި ފުލުހުން މި ދަނީ ކުރަމުންނެވެ.

 

ރިޟްވާން ހޯދުމަށް މިހާތަނަށް ހުޅުމާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ސިނާޢީ މަސައްކަތްތައް ކުރާ ސަރަހައްދުތަކުގެ އިތުރުން މީހުން ދިރި ނޫޅޭ ސަރަހައްދުތައްވެސް އެއްކޮށް ބަލައި ފާސްކޮށް ނިމިފައިވާއިރު، ލިބޭ ތަފާތު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މީހުން ދިރިއުޅޭ ބައެއް ފްލެޓްތަކާއި ތަންތަނާއި ގެސްޓް ހައުސް ފަދަ ތަންތަންވެސް މި ދަނީ ބަލައިފާސް ކުރަމުންނެވެ. އޭގެ އިތުރުން، ހުޅުމާލެ ފަޅުގެ ބޮޑު ސަރަހައްދަކާއި ވަށައިގެންވާ އުރަފަށުގެ ބޮޑުބައެއް ވަނީ ބަލައި ފާސްކޮށް ނިމިފައެވެ. އަދި މާލެއާ ކައިރި ފަޅު ރަށްތަކާއި އަތޮޅު ތެރޭގެ އިތުރު ރަށްރަށްވެސް މިހާތަނަށް ބަލައި ފާސްކޮށްފައިވާއިރު ބޮޑެތި ރަށްރަށަށް ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާ އުޅަނދުފަހަރާއި މާލެއާއި ހުޅުމާލޭގެ ފަޅުގައިހުރި ބައެއް އުޅަނދުތައްވެސް މި ދަނީ ބަލައި ފާސްކުރަމުންނެވެ.

ހުޅުމާލޭގެ އިތުރުން، މި މައްސަލައާ ގުޅިގެން އެކި ފަރާތްތަކުން ފުލުހުންނާ ހިއްސާ ކުރާ މަޢުލޫމާތަށް ބަލައި އަތޮޅުތެރޭގައާއި މާލެގެެ ބައެއް ސަރަހައްދު ތަކާއި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ފުލުހުން މި ގެންދަނީ ކުރަމުންނެވެ.

މ. ޝައިނިންގސްޓާރ، އަޙްމަދު ރިޟްވާން ޢަބްދުﷲ، (28އ)، ވީނުވީތަނެއް ނޭނގި ގެއްލިފައިވާ މައްސަލައާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް ފުލުހުންނާ ޙިއްސާކޮށް މިމަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ފުލުހުންގެ ތަޙުޤީޤަށް ދެއްވުމަށް މިފުރުޞަތުގައިވެސް އިލްތިމާސް ކުރަމެވެ.

ހަމައެހެންމެ މިފަދަ މައްސަލަތަކުގެ ތަޙުޤީޤު ކުރިޔަށް ގެންދިއުމުގައިި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް މިފުރުޞަތުގައިވެސް ޝުކުރު ދަންނަވަމެވެ.