ޚަބަރު

ތޭރަ އޮގަސްޓް 2014 ވަނަ ދުވަހުންފެށިގެން ފުލުހުން ބަލަމުންދާ، މ. ޝައިނިންގ ސްޓަރ އަހްމަދު ރިޟްވާން ޢަބްދުﷲ (28އ) ވީނުވީތަނެއް ނޭނގި ގެއްލިފައިވާ މައްސަލައިގެ އެންމެ ފަހުގެ މަޢުލޫމާތު

16 ސެޕްޓެމްބަރ 2014

 

މ. ޝައިނިންގ ސްޓަރ އަހްމަދު ރިޟްވާން ޢަބްދުﷲ (28އ) ވީނުވީތަނެއް ނޭނގި ގެއްލިގެން 2014 އޮގަސްޓް 13 ވަނަ ދުވަހު މިސަރވިސްއަށް ހުށަހެޅުނު މައްސަލަ ތަޙުޤީޤު ކުރުމަށާއި އޭނާ ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު ރައްޔިތުންނަށް ހާމަކުރަމެވެ.

 

އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި މިހާތަނަށް ހޯދުނު މަޢުލޫމާތަށް ބަލާއިރު 2014 އޮގަސްޓް 7 ވަނަ ދުވަހުގެރޭގެ 00:00 މިނިޓުގެ ފަހުން އަޙްމަދު ރިޟުވާން ޢަބްދުﷲ ހުޅުމާލެއިން އެއްވެސް މީހަކަށް ފެނި އެއްވެސް މީހަކާ މުޢާމަލާތް ކުރިކަން މިހާތަނަށް ކަށަވަރުކޮށްދެވިފައެއް ނުވެއެވެ. އެހެން ނަމަވެސް 2014 އޮގަސްޓް 08 ވަނަދުވަހުގެ 00:55 ހާއިރު އޭނާ ހުޅުމާލެ، މާލޭ ފެރީ ޓާމިނަލަށް ވަތްތަން މިހާތަނަށް ދިރާސާކުރި ސީސީޓީވީ ފުޓޭޖުން ފެނިފައި ވެއެވެ. ހަމައެހެންމެ އޭގެފަހުން މާލެއިން ހުޅުމާލެއަށް ދަތުރުކުރި ފެރީއަކުން އަޙްމަދު ރިޟްވާން ޢަބްދުﷲ އާއި ވާހަކަދެއްކިކަމުގެ މަޢުލޫމާތު އަމިއްލަ ފަރާތަކުން ފުލުހުންނަށް ދީފައި ވެއެވެ.

އަޙްމަދު ރިޟްވާން ޢަބްދުﷲ ވީނުވީތަނެއް ނޭނގި ގެއްލުނު ޙާދިސާ އާއި 2014 އޮގަސްޓް 7 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި އޭނާ ދިރިއުޅުނު ފްލެޓް ސަރަޙައްދުގައި ހިނގައިދިޔަ ޙާދިސާއާ ގުޅުންހުރިކަމުގެ ސާބިތު އެއްވެސް ހެއްކެއް މިހާތަނަށް ފުލުހުންގެ ތަޙުޤީޤަށް ލިބިފައެއް ނުވެއެވެ. މީގެ އިތުރުން 2014 އޮގަސްޓް 15 ވަނަދުވަހު ހުޅުމާލޭގައި ހިނގި އަލިފާނުގެ ޙާދިސާއާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުނު ޙާދިސާއާ ގުޅުމެއް ނެތްކަން ތަޙުޤީޤަށް މިހާތަނަށް ލިބުނު މަޢުލޫމާތުން ވަނީ އެނގިފައެވެ.

މީގެ އިތުރުން 2014 އޮގަސްޓް 7 ވަނަ ދުވަހުގެރޭ މާލެ، ހުޅުމާލެ ފެރީޓާމިނަލްގައި ރިޟްވާން ޢަބްދުﷲ ހަރަކާތްތެރިވަނިކޮށް ފެންނަ ސީސީ ޓީވީ ފުޓޭޖު ބަލައި ދިރާސާކޮށް، އެ ފުޓޭޖުން ފެންނަ ބައެއް މީހުން ހާޒިރުކޮށް ވަނީ މަޢުލޫމާތު ސާފު ކުރެވިފައެވެ.

އަޙްމަދު ރިޟުވާން ޢަބްދުﷲ ހޯދުމަށް މިހާތަނަށް 79 ތަނަކުން 157  ކެމެރާއިން 1235 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް އެއްކޮށް އެތަކެތި ދިރާސާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިފުޓޭޖުތަކުން ކަށަވަރުވާގޮތުގައި އެންމެ ފަހުން އޭނާ ފެނިފައިވަނީ ހުޅުމާލޭ ފެރީ ޓާރމިނަލްއިން 2014 އޮގަސްޓް 08 ވަނަދުވަހުގެ 00:55 ހާއިރުއެވެ.

އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމަށް، ހުޅުމާލޭ ކައިރި ސަރަހައްދުތަކުގެ 521 މިނިޓްގެ ޑައިވް ކުރެވިފައިވެއެވެ. މިޑައިވްތަކާއި ފީނުންތަކުގައި ޖުމްލަ 267197.5 އަކަމީޓަރުގެ މޫދުގެ ސަރަހައްދެއް ވަނީ ބެލިފައެވެ. މީގެ އިތުރުން، މިމައްސަލައާ ގުޅިގެން 84 އުޅަނދެއްމިހާތަނަށް ވަނީ ބަލައި ފާސްކުރެވިފައެވެ.

މިމައްސަލާގައި މިހާތަނަށް މާލެއިން 9 ގެއެއް ބަލައި ފާސްކުރެވިފައިވެއެވެ. ހުޅުމާލޭގެ ގޭގެއާއި ގުދަންތަކާއި ގަރާޖްތައް ހިމެނޭގޮތުން 139 އަށް ވުރެ ގިނަ ތަން ބަލައި ފާސްކުރެވިފައިވެއެވެ. ހަމައެއާއެކު މިމައްސަލައާ ގުޅިގެން ބައެއް ރަށްރަށުގެ ގެސްޓްހައުސްތަކާއި ގޭގެ މިހާރުވެސް ބަލައި ފާސްކުރެވެމުން ދެއެވެ.

ރިޟްވާން ޢަބްދުﷲ ހޯދުމަށް ކުރެވޭ ތަޙުޤީޤުގެ މަސައްކަތުގައި މިހާތަނަށް 128 މީހުންނާ ސުވާލުކޮށް ބަޔާން ނެގިފައިވާއިރު 387 މީހަކާ ސުވާލުކޮށް މަޢުލޫމާތު ނެގިފައިވެއެވެ. އަދި ހުޅުމާލޭގައި މީހުން ދިރިއުޅޭ 77 އެޕަޓްމަންޓަކުން 192 މީހުންނާ ސުވާލުކުރެވި މަޢުލޫމާތު އެއްކުރެވިފައި ވެއެވެ.

މިމައްސަލައާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ 3322111 ނުވަތަ 119 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅުއްވައި އެފަދަ މަޢުލޫމާތު ޙިއްސާކުރެއްވުން އެދެމެވެ.

އަދި 2014 އޮގަސްޓް 7 ވަނަ ދުވަހުގެރޭ، މާލޭގައި ހުންނަ ހުޅުމާލޭ ފެރީޓާމިނަލްއާއި، ހުޅުމާލޭއަށް ދަތުރުކުރި ފެރީއާއި ހުޅުމާލޭގެ ފެރީޓާމިނަލް އަދި ހުޅުމާލޭގެ އެއްވެސް ތަނަކުން އަޙްމަދު ރިޟުވާން ޢަބްދުﷲ ފެނިފައިވާ ފަރާތެއް ވާނަމަ އެ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް މިފުރުޞަތުގައިވެސް އިލްތިމާސްކުރަމެވެ.