ޚަބަރު

އަޙްމަދު ރިޟްވާން ޢަބްދުﷲ ގެ މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

29 ސެޕްޓެމްބަރ 2014

 

 

 

 

 

 

 

 

 

 

 

 

މ. ޝައިނިންގ ސްޓަރ އަހްމަދު ރިޟްވާން ޢަބްދުﷲ (28އ) ވީނުވީތަނެއް ނޭނގި ގެއްލިގެން 2014 އޮގަސްޓް 13 ވަނަ ދުވަހު މިސަރވިސްއަށް ހުށަހެޅުނު މައްސަލައިގެ ތުޙުމަތުގައި އިތުރު މީހަކު މިއަދުގެ ވަގުތެއްގައި ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގެ ތުޙުމަތުގައިި ކޯޓް އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 25 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލާގައި 25 އަހަރުގެ މީހަކު ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ބަންދު ކޮށްގެން ތަޙުޤީޤު ކުރިއަށް ގެންދިޔުމަށް 5 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ވަނީ ދީފައެވެ.

އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމަށާއި އޭނާގެ ތަޙުޤީޤުގެ މަސައްކަތް ފުލުހުންދަނީ ވަރަށް ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ކުރަމުންނެވެ. މިގޮތުން 2014 ސެޕްޓެމްބަރު 27 ވަނަ ދުވަހު ވަނީ މިމައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 3 މީހަކު ހައްޔަރުކޮށްފައެވެ. އެ 3 މީހުންގެ ތެރެއިން 2 މީހުންނަށް 28 ސެޕްޓެމްބަރު 2014 ވަނަދުވަހު 5 ދުވަހުގެ ބަންދުގެ މުއްދަތު އަދި 3 ވަނަ މީހާއަށް 7 ދުވަހުގެ ބަންދުގެ މުއްދަތު ހަމައެދުވަހު ކްރިމިނަލް ކޯޓުން ވަނީ ދީފައެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.