ޚަބަރު

ނޫސްބަޔާން

11 ފެބްރުއަރީ 2015

 

 

 

 

 

 

 

 

 

 

 

 

 

 

 

2015 ޖެނުއަރީ 18 ވަނަ ދުވަހު 3.30 ހާއިރު، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ދިރިއުޅުއްވާ ގ.އެނިފް ގޭގެ 8 ވަނަ ފަންގިފިލާގެ އެޕާރޓްމަންޓް ބީ ބަލައި ފާސްކުރިކުރިއިރު، އެތަނުން ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ފެނިފައިވަނިކޮށް، ދައުލަތާއި އިދިކޮޅު ހަރަކާތްތަކެއް ހިންގަން ރާވަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، 2015 ފެބްރުއަރީ 10 ވަނަ ދުވަހުގެ 00.35 ގައި މުޙައްމަދު ނާޘިމް ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމާއި ގުޅިގެން 2015 ފެބްރުއަރީ 10 ވަނަދުވަހު މުޙައްމަދު ނާޒިމްގެ ލީގަލް ޓީމް ބޭއްވި ނިއުސް ބްރީފިންގއާއި ގުޅިގެން ދަންނަވަމެވެ.

މި މައްސަލައާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޘިމްގެ ލީގަލް ޓީމްގެ ފަރާތުން ވަނީ މައްސަލާގައި ކަންހިނގާފައިވާ ގޮތުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅޭ ގޮތަށް މީޑިޔާތައް މެދުވެރިކޮށް މައުލޫމާތު ދީފައެވެ.

މިމައްސަލައިގެ ތަހްޤީޤްގައި ހަމަޖެހިފައިވާ އުސޫލްތަކާއި ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ވާހަކަ ދިވެހި އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިގޮތުން ނާޒިމް ދިރިއުޅުއްވާގެ ބަލައި ފާސްކުރުމަށް ކޯޓުއަމުރު ހޯދުމުގައި ކޯޓަށް ނުރަނގަޅު މަޢުލޫމާތު ދީފައިވާކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމުގައި ދަންނަވަމެވެ. އެމައްސަލައިގެ ތަހްޤީގު އެކި މަރުހަލާތަކުގައި ކޯޓުން އަމުރު ހޯދުމަށް އަބަދުވެސް ކޯޓަށް ހުށަހަޅާފައިވާނީ ފުލުހުންނަށް ލިބިފައިވާ ހެއްކާއި ޤަރީނާއާއި، އެކަމާއި ގުޅޭ ތެދު މަޢުލޫމާތު ކަމުގައިވެސް ދަންނަވަމެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމް ގެނައުމަށްފަހު ނާޒިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންގޮސްފައިވާނީ މައްސަލައާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނަރަލް ދެއްވި ލަފާގެ މަތިންނެވެ. މިގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފާ ލިޔުމުން ލިބި އަދި އެލިޔުން ވާނީ ކޯޓަށްވެސް ހުށަހަޅާފައެވެ. އަދި ކޯޓުން ވަނީ އެލިޔުން ނާޒިމްގެ ލީގަލް ޓީމުގެ ފަރާތުން ކޯޓަށް ދިޔަ ޓީމަށްވެސް ދައްކާފައި ކަން ފާހަގަ ކުރަމެވެ.

މިމައްސަލައާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމްގެ މައްޗަށް ފުލުހުން ކުރަނީ ތުހުމަތުތަކެއް ކަމަށާއި، މިގޮތުން މުޙައްމަދު ނާޒިމް، ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތުގެ އިތުރުން، އިތުރު ބަޔަކާއި ބައިވެރިވެގެން ދައުލަތާއި ދެކޮޅު ހަރަކާތެއް ހިންގުމަށް ރާވަމުންދާކަމަށް ތުހުމަތު ކުރެވުނު މައްސަލައާ ގުޅޭގޮތުން ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުގެ ތެރެއިން، މުޙައްމަދު ނާޒިމްއަށާއި، އެބޭފުޅާގެ ލީގަލްޓީމާ ޙިއްސާކުރެވެން ހުރި މަޢުލޫމާތު ވާނީ ޙިއްސާކޮށްފައެވެ. އަދި މައްސަލައެއްގެ ތަހްޤީޤަށް ހޯދޭ ހުރިހާ މަޢުލޫމާތަކީ މުޙައްމަދު ނާޒިމްއާއި، އޭނާގެ ލީގަލް ޓީމަށް ޙިއްސާކުރެވޭނެ މަޢުލޫމާތު ނޫންކަމުގައި ދަންނަވަމެވެ.

މިމައްސަލާގައި ފުލުހުން ލިބިފައިވާ ހެއްކާއި    ޤަރީނާގެ ހުރިހާ މަޢުލޫމާތެއް ނާޒިމްގެ ޤާނޫނީ ޓީމަށް ޙިއްސާ ނުކުރިނަމަވެސް މައްސަލައާއި ގުޅިގެން އަމުރުތައް ހޯދުމަށް ކްރިމިނަލް ކޯޓަށް ހުށެހެޅި ހުށަހެޅުމުގައާއި މުއްދަތު މަޖިލީހުގައި ހުށަހަޅާފައިވާނީ ފުލުހުންނަށް ލިބިފައިވާ ތެދު މަޢުލޫމާތެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުންގެ ފަރާތުން ފަނޑިޔާރުންނަށް ހަޤީޤަތް އޮޅޭފަދަ މަޢުލޫމާތެއް ހުށަހަޅާފައި ނުވާނެ ވާހަކަ ދަންނަވަމެވެ.

އަދި މިމައްސަލައާއި ގުޅިގެން މުޙައްމަދު ނާޒިމްގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅޭ ތަޙްޤީޤް ނިމިފައިވާކަމަށް ފުލުހުން ކޯޓުގައި ބުނިކަމަށް ބުނެ ލީގަލް ޓީމުން މީޑިއާގައި ހާމަކޮށްފައިވަނީ ހަޤީޤަތާއި ޚިލާފް ދޮގުވާހަކައެއް ކަމުގައި ދަންނަވަމެވެ. މިގޮތުން ކޯޓުގައި މުޙައްމަދު ނާޒިމްގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅޭ ތަޙްޤީޤް އެއްކޮށް ނުނިމޭ ކަމަށާއި، ފޮރެންސިކް ޕްރޮސެސްވެސް އެއްކޮށް ނުނިމޭކަމަށް ދަންނަވާފައިވާނެކަން މިފުރުޞަތުގައި ދަންނަވަމެވެ.

މިމައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެންމެ ފުރަތަމަ ބޭއްވި ޕްރެސް ބްރީފިންގައި ފާހަގަކުރި ގޮތަށް ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމްއަށް ވާނީ ޤާނޫނީ ގޮތުން ދޭންޖެހޭ އެންމެހާއި ރައްކާތެރިކަމާއި، ޤަދަރާއި އިޙްތިރާމް ދީފައި ކަމުގައި މިފުރުޞަތުގައިވެސް ދަންނަވަމެވެ.

މިމައްސަލައާއި ގުޅިގެން މިކަމުގައި ތުހުމަތު ކުރެވޭ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުން ބަރީޢަވުމަށްޓަކައި ދައްކާ ވާހަކަތަކެއްގެ މައްޗަށް ހަމައެކަނި ބަރޯސާވެ، މުޙައްމަދު ނާޒިމް ދިރިއުޅުއްވާތަނަށް ފުލުހުން އެއްޗެއް ވެއްދިކަމަށް ބުނެ، ފުލުހުން އެތަނުގައި އަމަލުކޮށްފައިވާ ގޮތް ފެނިވަޑައިނުގަންނަވާ ބައެއް ބޭފުޅުން، އެކަންކުރީ ފުލުހުންކަމަށް ބުނެ އެއްވެސް އަސާސެއް ނެތް ވާހަކަތައް ދައްކަވައި ފުލުހުންގެ ބޮލުގައި ތުހުމަތުތަކެއް އަޅުއްވައި، ވަކި މަޤްޞަދެއް ހާޞިލްކުރުމަށްޓަކައި ރައްޔިތުންނަށް ކަމުގެ ހަޤީޤަތް އޮޅޭ ގޮތަށް ވާހަކަ ދައްކަމުން ގެންދާތީ އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

އަދި އެއްވެސް ފަރާތަކުން އެފަދަގޮތަކަށް އަމަލުތައް ނުބެހެއްޓެވުމަށާއި، ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ޙަޤީޤަތާއި ޚިލާފު ވާހަކަ ނުދެއްކެވުމަށްވެސް އިލްތިމާސްކުރަމެވެ.