މުޒާހިރާތަކާއި އެއްވުންތައް ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް އިލްތިމާސްކުރަން
22 ފެބްރުއަރީ 2015
މިހާރު މާލޭގައި ކުރިއަށްދާ އެއްވުންތަކާއި މުޒާހިރާތައް، ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި އާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާއި ޚިލާފު ނުވާނެ ގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށް އިލްތިމާސްކުރަމެވެ. މިފަދަ އެއްވުންތަކާއި މުޒާހިރާތަކުގައި 18 އަހަރުން ދަށުގެ ކުދިން ބައިވެރި ނުކުރުމަށާއި ކާކުކަން ނޭނގޭގޮތަށް މޫނު ނިވާކޮށްގެން ތިބުންފަދަ ކަންކަން ނުކުރުމަށްވެސް އިލްތިމާސްކުރަމެވެ.
ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމާއި މުޒާހިރާތައް ކުރިއަށް ގެންދިޔުމުގައި ޢަމަލުކުރަން ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް އެފަދަ ކަންކަން ކުރިއަށް ގެންދިޔުމަކީ ހުރިހާ ފަރާތަކަށްވެސް ރައްކާތެރިކަން ލިބިގެންދާނެ ގޮތްކަމުގައި ދަންނަވަމެވެ.
އެއްވުންތަކާއި މުޒާހިރާތަކުގައި ބައިވެރިވާ ފަރާތްތަކުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި ވަންނަން މަސައްކަތްކުރާނަމަ އަދި ޤާނޫނާއި ޚިލާފަށް އެއްވުންތަކާއި މުޒާހިރާތަކުގައި އަމަލުތައް ބަހައްޓާނަމަ އެފަދަ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގައިވެސް ދަންނަވަމެވެ.