މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނެރޭ ގުޅިފައިވާ ބަޔާން
26 ފެބްރުއަރީ 2015އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހް.
27 ފެބުރުއަރީ 2015 ވަނަދުވަހު މާލޭގައި ސިޔާސީ ބައެއް ފަރާތްތަކުން ބޭއްވުމަށް އިންތިޒާމުކުރަމުންދާ މުޒާހިރާ އާއި ގުޅިގެން ޤައުމުގައި އުފެދިދާނެ ހަމަނުޖެހުމަކުން ސަލާމަތްވެ ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދީ ޤައުމުގައި ހަމަޖެހުން ޤާއިމް ކުރުމަށް ސިފައިންނާ ފުލުހުން ފުރިހަމައަށް ތައްޔާރުވެފައިވާ ވާހަކަ ދަންނަވަން.
ސިޔާސީ ބައެއް ފަރާތްތަކުން މާދަމާ ކުރަން ރާވާފައިވާ މުޒާހިރާ އާއި ގުޅިގެން ރަށުތެރޭގައި ހަމަނުޖެހުން އުފައްދައި، ރައްޔިތުންގެ ގޯތި ގެދޮރަށާއި މުދަލަށް އަދި ދައުލަތުގެ މުދަލަށް ގެއްލުންދިނުމުގެ އެއްވެސް ޙަރަކާތެއް ހިންގަން އެއްވެސް ފަރާތަކަށް ފުރުޞަތު ނުދޭނެވާހަކަ ދަންނަވަން. ހަމަ އެއާއެކު ޞުލްޙަވެރިކަމާއެކު، ޤާނޫނީ އިމުގެތެރޭގައި ޚިޔާލު ފާޅުކުރުމަށް ކުރާ މަސައްކަތަށް ސަލާމަތީ ބާރުތަކުން ހުރަސް ނާޅާނެކަމުގައިވެސް ދަންނަވަން.
ހަމައެއާއެކު ދަންވަން. މާދަމާ ކުރަން ރާވާފައިވާ މުޒާހިރާއާއި އެއްވުންތަކުގައި ރާއްޖޭގައި އުޅޭ އެއްވެސް ބިދޭސީއަކު ބައިވެރިކުރާނަމަ އެކަން އަޅުގަނޑުމެން ހުއްޓުވާނަން. އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމަށް ހުރަސްއެޅޭފަދަ ޢަމަލަކަށް ފުރުޞަތު ނުދޭނެ ވާހަކަވެސް ދަންނަވަން.
މާދަމާގެ މުޒާހިރާގައި ބައިވެރިވުމަށް ބައެއް އަތޮޅުތަކުން މާލެއަށް އަތުވެދާނެ ކަމުގެ މަޢުލޫމާތު ދަނީ ލިބެމުން. އެފަދަ މީހުންނަށް ދަންނަވަން.
އަތޮޅުތަކުން މީހުން މާލެ އައިނަމަވެސް މާލެތެރެ ހަލަބޮލިކޮށް، މާލޭގެ އަމާންކަން ނަގާލުމުގައި ބައިވެރިވުމަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ޙައްޤުތަކެއް ގެއްލިގެންދާނެ ކަމެއް. މާލޭގެ އަމަން ނަގާލައި މިމުޒާހިރާގައި ބައިވެރިވާން އަންނަ ފަރާތްތައް ހޯދައި އެފަރާތްތަކާ ދޭތެރޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމުގައި ދަންނަވަން.
އެހެންކަމުން އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކުންވެސް ޞުލްޙަވެރިކަމާއެކު، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ، ޢާއްމު އިޖުތިމާޢީ މިންގަނޑުތަކުގެ ޤާނޫނާ ޚިލާފު ނުވާނެހެން އަދި މާލޭގައި ދިރިއުޅޭ މީހުންގެ ޙައްޤުތަކަށް އުނިކަމެއް ނާންނާނެފަދައިން ޢަމަލުތައް ބެހެއްޓެވުމަކީ ސަލާމަތީ ބާރުތަކުން އެދޭ ކަމެއް.
ރަށުތެރޭގެ އަމާންކަން ނަގާލައި ޤާނޫނީ އިމުން ބޭރުން އެއްވުންތައް ބާއްވައި، އެއްވުންތަކުގައި ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގައި ޖިނާޢީ ކުށްކުރާނަމަ އަދި ޣައިރު ޤާނޫނީ އެއްވެސް ކަމެއް ފެނިއްޖެނަމަ އެފަދަ އެއްވުމެއް ހަމަޖެހިފައިވާ އުޞޫލުތަކުގެމަތިން ރޫޅާލެވޭނެ ވާހަކަ ދަންނަވަން. އަދި އެފަދަ އެއްވުންތައް އިންތިޒާމުކުރާ، ޤާނޫނު ނަމްބަރު 2013/1 ގައިވާ ގޮތަށް ޒިންމާ އުފުލަންޖެހޭ ފަރާތްތައް ހާޒިރުކޮށް އެފަރާތްތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމުގައިވެސް ދަންނަވަން. މިގޮތަށް ފިޔަވަޅު އެޅުމުގައި ވަކި ފަރާތެއް އިސްތިސްނާ ނުކުރެވޭނެ ވާހަކަވެސް ދަންނަވަން.
މާދަމާ ބާއްވާ މުޒާހިރާގައި ޞުލްޙަވެރި ސިފަގެއްލިގެން ހިނގައްޖެކަމަށް ފުލުހުންނަށް ޤަބޫލު ކުރެވިއްޖެނަމަ އެ އެއްވުމެއް ޤާނޫނީ ހަމަތަކުގެމަތިން ރޫޅާލާނެކަމުގައި ދަންނަވަން. އަދި މުޒާހިރާގައި ބައިވެރިވާ ފަރާތްތަކުން އެފަދަ ވަގުތުގައި ފަރުދީ ޒިންމާ ނަގަންޖެހޭނެ ކަމުގައިވެސް ދަންނަވަން.
ޤައުމުގައި އުފެދޭ ހަމަނުޖެހުންތަކާ، ސިޔާސީ އެއްވުންތަކާ، މުޒާހިރާތަކުގެ ޚަބަރުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި މީޑިއާތަކުންވެސް ޤައުމުގެ މަޞްލަޙަތަށް ދަމަހައްޓައި، ޤައުމުގެ ހަމަޖެހުމަށް އިސްކަންދީގެން ޚަބަރާ މަޢުލޫމާތު އަދި ފޮޓޯ އާއި ވީޑިއޯ ޢާއްމުކުރެެއްވުމަށް ދަންނަވަން. ދިވެހިންގެ މަޞްލަޙަތު ދިވެހިންނަށް މުހިއްމުވާ މިންވަރަށް އެހެން އެއްވެސް ބަޔަކަށް މުހިއްމު ނުވާނެކަން ހުރިހާ ފަރާތްތަކުންވެސް ހަނދުމަފުޅު ބެހެއްޓެވުން މުހިއްމު.
މިހާރު ހިނގަމުންދާ ސިޔާސީ ޙަރަކާތްތަކުގައި ސިފައިންނާ ފުލުހުން ބައިވެރިވުމަށް ދަޢުވަތުދީ، ސަލާމަތީ ބާރުތަކުން ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުމަށް ސިޔާސީ ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުން. އަދި ސަލާމަތީ ބާރުތަކުގެ ވަކިވަކި މީހުންނަށް ފައިސާ ދީގެންނާއި އެހެނިހެން ގޮތްގޮތުން މަންފާހުރި ކަންކަން ކޮށްދޭނެކަމަށްބުނެ ކޮރަޕްޝަންގެ ޢަމަލުތައް ހިންގުމަށް ބައެއް ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުން. މިފަދަ މަސައްކަތްތަކަކީ ސިފައިންނާ ފުލުހުންގެ ސަފުތައް ބައިބައިކުރުމަށް ކުރެވޭ މަސައްކަތްތައްކަމުގައި އަޅުގަނޑުމެން ދެކެން.
ވީމާ އެފަދަ ޢަމަލުތައް އެއްވެސް ފަރާތަކުން ނުކުރުމަށް އަންގައި އިލްތިމާސް ކުރަން. ސިފައިންނާ ފުލުހުންނަކީ ޤައުމުގެ ދިފާޢުގައައާއި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދީ، ޤާނޫނުގެ ބާރުވެރިކަން ދެމެހެއްޓުމުގެ ޤާނޫނީ ބާރުދެވިފައިވާ ފަރާތްތައް ކަމުގައިވެސް ދަންނަވަން.
ލޮބުވެތި ރައްޔިތުން؛ ދިވެހި ފުލުހުންނާ ސިފައިން އަތާ އަތް ގުޅާލައި، ބަދަހި ސަފުތަކެއްގައި ދެމިތިބެ، ސަލާމަތާ ރައްކާތެރި ތަނެއްގެ ގޮތުގައި މިޤައުމު ބޭއްވުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ފަސްޖެހުމެއް ވަރުބަލިކަމެއްނެތި ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން ތިޔަ ބޭފުޅުންނަށް އަރުވަން. ދިވެހި ސިފައިންނާ ދިވެހި ފުލުހުންތިބީ މިފަދަ ކަންކަމަށް ބޭނުންވާ ތަމްރީނުތައް ހޯދައި، ކުރިމަތި ވެދާނެ ޙާލަތަކަށް ތައްޔާރުވެގެން. ބޭނުންވާނެ ވަޞީލަތްތައް ހޯދައި ޤާއިމް ކުރެވިފައިވާ ވާކަހަވެސް ދަންނަވަން.
ރާއްޖޭގައި ޞުލްޙަމަސަލަސްކަން ދަމަހައްޓައި ރައްޔިތުންނަށް އަމާންކަން ޤާއިމްކޮށްދިނުމަށް ސަލާމަތީ ބާރުތަކުން ކުރާ މަސައްކަތްތަކުގައި ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބިގެންދާ ފުރިހަމަ އެހީތެރިކަމާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން.
އަޅުގަނޑުމެން އެންމެންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދީ، ރާއްޖޭގައި ޞުލްޙަ މަސަލަސްކަން އަބަދުގެ އަބަދަށް މިންވަރު ކުރައްވާށި. އާމީން..
ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހް.