ފުލުހުންގެ 'މެމޯރިއަލް ޑޭ' އަކީ ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރަނިކޮށް ލިބޭ އަނިޔާއެއްގައި ޝަހީދުވާ ފުލުހުންގެ ޒިކުރާ އާކުރުމަށް ފާހަގަކުރެވޭ ދުވަހެކެވެ. އެންމެ ފުރަތަމަ ފުލުހުންގެ 'މެމޯރިއަލ ޑޭ' އެއް ފާހަގަ ކުރެވުނީ 23 ޖުލައި 2013 ވަނަ ދުވަހުއެވެ. ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 23 ވަނަ ދުވަސް 'މެމޯރިއަލް ޑޭ' ގެ ގޮތުގައި ފާހަގަކުރެވެނީ މިދުވަހަކީ ދިވެހިރާއްޖޭގައި ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރަމުން ދިޔަ ފުލުހަކަށް ހަމަލާދީ ޝަހީދުކޮށްލެވުނު ފުރަތަމަ ދުވަހަށް ވާތީއެވެ. އެދުވަހު ކ. ކާށިދޫގައި މަސައްކަތް ކުރައްވަމުން ދިޔަ ޝަހީދު ސަރޖަންޓް އާދަމް ހަލީމަށް ވަޅިއަކުން ހަމަލާދީ ޝަހީދު ކޮށްލާފައިވަނީ ގޭގައި ބަންދުކޮށްފައި ހުއްޓާ ބޭރަށް ނުކުމެ އުޅުނު މީހަކާއި ދެމެދު ހިނގި ކުރިމަތިލުމެއްގައެވެ. ފުލުހުންގެ 'މެމޯރިއަލް ޑޭ' މިހާދިސާއަށް ހާއްސަކޮށް ނިސްބަތް ކުރެވިފައިވަނީ ޝަހީދު ސަރޖަންޓް އާދަމް ހަލީމްގެ ކެރުމާއި، ހިތްވަރު ގަދަކަމާއި، ވާޖިބަށް ބެހެއްޓެވި ތެދުވެރިކަން އެންމެހާ ފުލުހުންނަށް ހުރި އިބްރަތާއި ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރުމަށެވެ. އަދި ފުލުހުންގެ ތެރެއިން ވާޖިބު އަދާކުރުމުގައި ލިބޭ އަނިޔާގައި ޝަހީދުވާ އެންމެހާ ބަތަލުންގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ފުލުހުންގެ ތެރެއިން ޝަހީދުވާ ފުލުހުންނަކީ އެންމެހާ ފުލުހުން އެބައެއްގެ ގުރުބާނީގެ މައްޗަށް އެންމެ މަތީ ދަރަޖައަށް ފަހުރުވެރިވާ ބައެކެވެ. މިފަރާތްތަކުގެ ހަދާން ދެމިހުންނާނެހެން ޑިޖިޓަލް މެމޯރިއަލް ވޯލް އެއް ގާއިމް ކުރެވިފައިވެއެވެ.