ޚަބަރު

ބ. ގޮއިދުއާއި ޅ. ހިންނަވަރުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައިފި

07 މެއި 2022

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ. ގޮއިދޫގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށް އަދި ޅ. ހިންނަވަރުގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅިތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފިއެވެ.


އެ އޮޕަރޭޝަންތަކުގެ ތެރެއިން ގޮއިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރި ކުރަންއުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހު 5 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން 26 އަހަރުގެ ދިވެހި ފިރިހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެެލެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓު ފެނިފައިވެއެވެ.


މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތުދީފައިވެއެވެ.


އޭގެ އިތުރުން، ހިންނަވަރުގައި ހިންގި އޮޕަރޭޝަނަކީ ހިންނަވަރު ޕޮލިހާއި ނައިފަރު ޕޮލިސް ގުޅިގެން މި މަހު 2 އިން 5 އަށް ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި، ރަށުގެ ފަޅު ގޯތިތަކާއި ކުށްކުރާކަމަށް ބެލެވޭ މީހުން އެއްވެ އުޅޭ ރަށުގެ އެކި ސަރަހައްދުތަކާއި ވަލުތެރެ ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، އެ ބަލައި ފާސްކުރުމުގެ ތެރެއިން 34 ފުޅި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

 

މި ދެ މައްސަލަވެސް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.