ޚަބަރު

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަރުދީ ޒިންމާ އިސްކުރަމާ!

31 ޖުލައި 2022

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން އިސްކަމެއް ދީގެން ކުރަމުންދާ ގެންދާ މަސައްކަތެކެވެ. މިގޮތުން ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައިވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ލަނޑުދަނޑި ކަނޑައަަޅައި، އެކަމަށް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އަދި މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށާއި މަގުމައްޗަކީ މަގު ބޭނުންކުރާ އެންމެންނަށްވެސް ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން ސިލްސިލާކޮށް އެކި ޕްރޮގްރާމްތައް ހިންގައި، ރައްޔިތުން ހޭލުންތެރިކުރުވައި، ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ މަސައްކަތްތަކެއް ދަނީ ކުރެވެމެނުންވެ.  މި މަސައްކަތްތައް މި ގޮތަށް ކުރިނަމަވެސް، މަގުމައްޗަކީ އެންމެންނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމުގައި އާންމު ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑެވެ. އަދާކުރަންޖެހޭ ޒިންމާވެސް ބޮޑެވެ. 

 

މަގުމަތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން އުޅަނދުގައި ކޮންމެހެންވެސް ހަމަވެފައި ހުންނަންޖެހޭ ލިޔުންތައް ހަމަޔަށް ހުރިތޯ  ޗެކްކުރަންވާނެއެވެ. އަދި އެ ދުއްވާ އުޅަނދަކީ ހާލަތު ރަނގަޅު ދުއްވުމަށް އެކަށީގެންވާ އުޅަނދެއްތޯ ޔަގީންކުރަންވާނެއެވެ. މިގޮތުން ރޯޑް ވާދިނަސް ހައްދައި އުޅަނދަކީ ދުއްވުމަށް އެކަށޭނެ އުޅަނދަކަށް ހަދަންޖެހެއެވެ. ހަމައެއާއެކު އުޅަނދު ދުއްވާއިރު، ލައިސަންސް އަބަދުވެސް އަތުގައި ބޭއްވުމާއި ދުއްވާ އުޅަނދަކީ އަހަރީ ފީ އާއި ތާޑް ޕާޓީ އިންސްއަރެންސް ދައްކައި، ސްޓިކާތައް ހަމަކުރުމަކީ މުހިންމު ކަމެކެވެ. 

 

މަގުބޭނުންކުރާ ފަރާތްތައް ކަމުގައިވާ ހިނގާބިގާވާމީހުންނާއި، ދެ ފުރޮޅުލީ އެއްގަމު އުޅަނދާއި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން މަގުމަށްޗަށް ދޭންޖެހޭ ވަރަށް ސަމާލުކަން ދިނުމަކީވެސް މުހިންމުކަމެކެވެ. އެގޮތުން އުޅަނދު ދުއްވާއިރު ކަނޑައަޅާފައިވާ ސްޕީޑްގައި ދުއްވުމާއި، ކަނޑައެޅިފައިވާ ލޭންގައި ދުއްވުމާއި، އުޅަނދެއް އޯވަރޓޭކްކުރާއިރުގައާއި ގޯޅިއަޅާއިރު ނުވަތަ މަޑުކުރާއިރު ސިގްނަލް ދީ ގަވާއިދާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަކީ މުހިންމުކަމެކެވެ. އަދި ހިނގާބިގާވާ މީހުން ދުވާރު މަތިން ހިނގުމާއި މަގު ހުރަސްކުރާއިރު މަގަށް ރަނގަޅަށް ބެލުމަށްފަހު މަގު ހުރަސްކުރުމާއި މަގު ހުރަސްކުރުމަށްޓަކައި ކަފިހުރަސް ބޭނުންކުރުމަކީ މުހިންމުކަމެކެވެ.

  

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގާނޫނާއި ގަވާއިދުތަކަށް އަމަލުނުރާނަމަ  ނުރައްކާތެރި ހާދިސާއެއް ހިގުމަކީ ގާތްކަމަކަށްވެގެންދާނެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އިސްކޮށް، އެކަމަށް މަސައްކަތްކުރުމަކީ މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރެވި މަގު ބޭނުންކުރާ އެންމެނަށްވެސް އަމާން ރައްކާތެރި ތަނަކަށް ހެދިގެންދާނެކަމެކެވެ.