ޚަބަރު

މަލްޓި-އޭޖެންސީ ވޯކްޝޮޕް ބާއްވައިފި

06 ޑިސެމްބަރ 2022

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް ޑިޕާޓުމަންޓުން އިސްނަގައިގެން ކުރިއަށްގެންދާ "100 ޑޭސް އެކްޝަން ޕްލޭން" ގައި ހިމެނޭ މަލްޓި-އޭޖެންސީ ވޯކްޝޮޕް ބާއްވައިފިއެވެ.

 

އިއްޔެ ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ ސްކޭމްއާ ގުޅުންހުރި މައްސަލަތައް މަދުކުރުމާއި ތަހުގީގަށާއި މިފަދަ މައްސަލަތައް ޕްރޮސިކިއުޓް ކުރުމުގައިހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކަމާގުޅުންހުރި މުއައްސަސާތައް ބައިވެރިވެގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕްގައި ސްކޭމްއާ ގުޅުންހުރި މައްސަލަތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި އެޅިދާނެ ފިޔަވަޅުތަކަށް ބިނާކޮށް އެކްޝަން ޕްލޭނެއް ތައްޔާރުކުރެވި އެ އެކްޝަން ޕްލޭން ކުރިއަށް ގެންދިއުމަށްޓަކައި ނެޝަނަލް ލެވެލްގެ ޓާސްކްފޯސް އެއް އެކުލަވާލުމަށް ނިންމާފައިވެއެވެ.

 

ޑިސެމްބަރ 5 ވަނަ ދުވަހު ބޭއްވި މި ވޯކްޝޮޕްގައި ދިވެހިފުލުހުންގެ ޚިދުމަތުގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، މޯލްޑިވްސް ކަރެކްޝަންސް ސަރވިސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ބެންކްތައް އަދި ދިރާގާއި އުރީދޫ އިން ބައިވެރިވިއެވެ.

100 ޑޭސް އެކްޝަން ޕްލޭނަކީ ކޮބާ؟

 

އިކޮނޮމިކް ކްރައިމް ޑިޕާޓުމަންޓުން އިސްނަގައިގެން ކުރިއަށްގެންދާ "100 ޑޭސް އެކްޝަން ޕްލޭން" އަކީ ބެންކުތަކާއި މުއައްސަސާތަކާ އަދި ކުންފުނިތަކުގެ ނަމުގައި ފޯނުން ގުޅައިގެންނާއި ސޯޝަލް މީޑިއާގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އޮޅުވާލައިގެން ގިނައަދަދެއްގެ ފައިސާ ނަގަމުންގެންދާ މައްސަލަތައް މި އަހަރު އިތުރުވަމުން ދިއުމާ ގުޅިގެން 100 ދުވަހުގެ މުއްދަތަށް އެކުލަވާލައިގެން ހިންގާ އެކްޝަން ޕްލޭނެކެވެ.

 

މި އެކްޝަން ޕްލޭންގައި މައިގަނޑު އަށް ހަރަކާތެއް ހިމަނާފައިއެވެ. މިގޮތުން، ސްކޭމް ކޯލް ނުވަތަ އޮޅުވާލައިގެން ފައިސާ ހޯދުން މަދުކުރުމަށް ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެއްލައްކަ މީހުންނަށް ފޭސްޓުފޭސް ރީޗްވުމާއި، ޕޯސްޓަރސް، ލީފްލެޓް، އަދި ފްލެޔަރ ބެހުމާއި، ޓީވީ އެޑް ތައްޔާރު ކުރުމާއި، އެސް.އެމް.އެސް މެދުވެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް މެސެޖު ފޮނުވުން ހިމެނެއެވެ. އަދި މިފަދަ މައްސަލަތައް ތަހުގީގުކުރާ ފުލުހުންގެ ތަހުގީީގު އަވަސްކޮށް އެއް މިސްރާބަކަށް ތަހުގީގު ބައްޓަންކުރުމަށް ހާއްސަ ޓްރޭނިންގ ޕްރޮގްރާމް ހިންގުން ހިމެނެއެވެ.

 

އޭގެ އިތުރުން، ދީނީ ދަރުސްތަކާއި ފޯރަމްތަކުގައި ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތްކުރުމާއި ޖަލުތަކުގައި ހިންގާ ސްކޭމް ކޯލާ ގުޅުންހުރި ކަންތައްތައް ހުއްޓުވުމަށް މަސައްކަތްކުރުން މި އެކްޝަން ޕްލޭންގައި ހިމެނެއެވެ.