މަސްތުވާތަކެތި މައްސަލަތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފި
22 ޖަނަވަރީ 2023
ގއ. ވިލިނގިލި އަދި އއ. ރަސްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށް އެ ދެ މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.
އެ އޮޕަރޭޝަންތަކުގެ ތެރެއިން ވިލިނގިލީގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުން ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހުގެ 18 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 36 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
ރަސްދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ރަސްދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މިމަހު 20 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 43 އަހަރުގެ މީހަކު އެރަށު ބަނދަރު ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.