
ދިވެހި ފުލުހުންގެ ޚިދުމަތާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ޕްރޮގްރާމް ނިންމުމަށް ދޫނިދޫގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ޕަރމަނަންޓް ސެކްރެޓަރީ ޙުސައިން ޝަރީފްއެވެ.
މި ރަސްމިއްޔާތުގައި ހެޑް އޮފް ކޮމިއުނިކޭޝަން އެންޑް ޕަބްލިކް އެފެއާޒް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒުހުރީ، ހެޑް އޮފް ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަސީރު، ހެޑް އޮފް މެރިން ޕޮލިސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސް ބައިވެރިވެލެއްވިއެވެ.

ފެބުރުވަރީ 27 އިން 28 އަށް ކުރިއަށް ގެންދިޔަ ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމުގެ ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ފުލުހުންގެ ޚިދުމަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން ކުރިއަށް ދެވިދާނެ ދާއިރާތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ
އޭގެ އިތުރުން، އެކި ޑިޕާޓްމަންޓުން ކުރަމުންގެންދާ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ ތަޖުރިބާ ކުރުމުގެ ފުރުސަތު ޕްރޮގްރާމްގެ ތެރެއިން ފަހިކޮށްދީފައިވެއެވެ.

ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ވަޒީފާގެ ފުރުސަތުތަކާ އަދި ތަފާތު ދާއިރާތަކުން ކުރިއަށް ދެވެންހުރި ރޮނގުތަކާ ބެހޭގޮތުން ޒުވާނުންނަށް މައުލޫމާތު ފޯރުކޮށްދީ އަދި ވަޒީފާގެ މާހައުލާ މެދު ހޭލުންތެރި ކުރުމަށް މުއައްސަސާތަކާ، ރިސޯޓު އަދި ތަފާތުއެކި ކުންފުނިތައް ގުޅިގެން މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.