
ވ. ތިނަދޫގައި ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތްދިނުމަށް އެރަށުގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ތިނަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ އެކްޓިންގ ކޮމިޝަނަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފެލިދެ އަތޮޅު ކައުންސިލު ރައީސް ޝުޖާޢު ޢަލީއެވެ.

މި ރަސްމިއްޔާތުގައި، ލޯކަލް ޕޮލިސިންގ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން، ނޯތު ސެންޓްރަލް ޕޮލިސް ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް، ވ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަންވަރު އަހްމަދު އަދި ފުލުހުންގެ ކޮމިޝަންޑު އޮފިސަރުންނާއި ތިނަދޫ ކައުންސިލް ރައީސް ޝިފާގު ހުސައިންގެ އިތުރުން ކައުންސިލް މެމްބަރުން ބައިވެރިވެލެއްވިއެވެ.

ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތިނަދޫގައި މި ހުޅުވި ޕޮލިސް ޕޯސްޓާއެކު އެ ރަށުގައި ގާއިމުވެތިބެ ރައްޔިތުންނާ ގުޅިގެން ފުލުހުންގެ ޚިދުމަތް ދޭން މިހާރުވަނީ ފަށާފައެވެ.