Landing page banner

ދިވެހި ފުލުހުންގެ ޚިދުމަތުން ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރަކުން ނުގުޅާނެ. ސަމާލުވޭ!

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ލޯގޯ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް ފުލުހުންގެ ނަމުގައި އެކި މީހުންނަށް ގުޅަމުންދާކަން މި ޚިދުމަތަށް ވަނީ ފާހަގަކުރެވިފައެވެ.

 

ވީޑިއޯ ކޯލު މެދުވެރިކޮށް މިގޮތަށް ގުޅައިގެން، ކޭޝްކާޑު އަދި ކްރެޑިޓް ކާޑުގެ މައްސަލައެއް ދިމާވެފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ކާޑުގެ މައުލޫމާތު ބުނެދިނުމަށް ނުވަތަ ވީޑިއޯ ކޯލުކޮށްގެން ހުންނަ މީހާއަށް ކާޑު ދެއްކުމަށް އެދެމުންދެއެވެ. މިގޮތަށް ކާޑު ދެއްކުމުން ނުވަތަ ކާޑުގެ މައުލޫމާތު ދިނުމުން މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތްތައް ހިންގަމުންދެއެވެ. ގުޅާ މީހާ ހުންނަނީ މޫނު ނިވާކޮށްގެންކަން ވެސް ފާހަގަކުރެވިފައިވެއެވެ.

އޭގެ އިތުރުން، އިމިގްރޭޝަންގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން މިގޮތަށް ގުޅައި އައިޑީ ކާޑު ދެއްކުމަށާއި ޒާތީ މައުލޫމާތު ދިނުމަށް އެދެމުންދާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.

 

އެހެންކަމުން މިގޮތަށް ގުޅާ މީހުންގެ ކޯލުތަކަށް ޖަވާބު ނުދިނުމަށާއި ކާޑުގެ އެއްވެސް މައުލޫމާތަކާއި އޯޓީޕީ ކޯޑު އަދި ޒާތީ އެއްވެސް މައުލޫމާތެއް ނުދިނުމަށް މި ޚިދުމަތުން އިލްތިމާސްކުރަމެވެ. އަދި ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރަކުން ދިވެހި ފުލުހުންގެ ޚިދުމަތުން ނުގުޅާނެކަމުގައި ވެސް ދަންނަވަމެވެ.