
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނުއިރު، ގައުމީ ކުލަތަކުން ޒީނަތްތެރިކޮށް، އުފާވެރި ގައުމީ ރޫހެއްގައި މިނިވަން ދުވަސް ދަނީ ފާހަގަކުރަމުންނެވެ. މި ފާހަގަކުރުންތަކުގެ ތެރެއިން އެންމެ ރަމްޒީ މާނައެއް އެކުލެވިގެންވާ ހަރަކާތަކީ ދިވެހިބަހާއި، ސަގާފަތާއި އަދި ތަރިކައާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި ފުޅަނދު ބުރެވެ. އުފެއްދުންތެރިކަމާއި، ތަރިކައާއި އަދި އައު ގޮތްތައް ދައްކުވައިދޭ ގިނަ ފުޅަނދުތަކުގެ ތެރެއިން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފުޅަނދު ފާހަގަކޮށްލެވުނީ އާންމު ހިދުމަތުގެ މައިގަނޑު ސިފަތައް ދައްކުވައިދިން ފުޅަނދެއްގެ ގޮތުގައެވެ. އެއީ ރައްކާތެރިކަމާއި، އިތުބާރާއި އަދި މުޖުތަމައުގެ އެއްބައިވަންތަކަމެވެ.
މިއަހަރުގެ މި ޚިދުމަތުގެ ފުޅަނދަކީ ހަމައެކަނި ފުޅަނދު ބުރުގެ ބަޔަކަށްވުރެ ފުޅާ މާނާއެއް އެކުލެވޭ ފަރުމާއެކެވެ. އެއީ އަޅުގަނޑުމެންގެ ޚިދުމަތް، ކޮންމެ ދުވަހަކު މެ، މަގުދައްކުވައިދޭ އަސާސީ އަގުތައް ދައްކުވައިދޭ ރަމްޒެކެވެ. ފުޅަނދުގެ އެންމެ ކުރީގައި ނެޝަނަލް އިމަރޖެންސީ ކޯލް ސެންޓަރ (911) އެވެ. މިއީ ރައްޔިތުންގެ ތަސައްލީތަކަށް އަވަހަށް އިޖާބަދިނުމާއި، އިތުބާރު ހޯދުމާއި އަދި ދެގޮތެއް ނުވާ ފުލުހުންގެ ހިދުމަތުގެ ނިޝާނެކެވެ. އެލްއީޑީ ސްކްރީންތަކުގައި ލައިވް ސީސީޓީވީ މަންޒަރުތަކާ އެކު ކުށަށް ހޭލުންތެރި ކުރުމުގެ މެސެޖުތައް ދައްކަމުންދިޔައެވެ. މިއީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅުގަނޑުމެން ބޭނުންކުރަމުން ގެންދާ ވަސީލަތްތަކުގެ ތަސައްވުރެކެވެ.

ކޯލް ސެންޓަރުގެ ފަހަތުގައި ވަނީ ބަގީޗާއެއް ފަރުމާކޮށްފައެވެ. މިއީ އަޅުގަނޑުމެން ބިނާކުރަން މަސައްކަތްކުރާ މުޖުތަމައު ތަމްސީލުކޮށްދޭ މަންޒަރެކެވެ. އެއީ ރައްކާތެރި، ގުޅި ލާމެހިފައިވާ އަދި އުންމީދުން ފުރިގެންވާ މުޖުތަމައެކެވެ. މި ބަގީޗާގެ އަލިއަޅުވާލަނީ މާނަ ފުން މެސެޖަކަށެވެ.
"ކުށްކުރުމުން ދުރުހެލިވާށެވެ! ރަނގަޅު ގޮތް ހިޔާރުކޮށްފިނަމަ، ދިރިއުޅުން އުޖާލާވާނެއެވެ."
މި ބަގީޗާއަކީ، އަޅުގަނޑުމެން ޚިދުމަތްކުރާ މުޖުތަމައު ފަދައިން، އަޅާލުމާއި، ސަމާލުކަމާއި އަދި އެއްބާރުލުން ދިނުމާއެކު ހެދި ފޯދިގެންދާ ބަގީޗާއެކެވެ.
ފުޅަނދަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ އެކި ދާއިރާތަކުގެ ޔުނިފޯމު ލައިގެން ތިބި ފުލުހުން މި ފުޅަނދު ބުރުގައި ބައިވެރިވުމެވެ. މީގެ ތެރޭގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ފުލުހުންނާއި، ހާއްސަ ޔުނިޓުތަކުގެ ފުލުހުން ހިމެނެއެވެ. މިއިން، ކޮމިޝަނަރ އޮފް ޕޮލިސް އަބަދުވެސް ތަކުރާރުކޮށް ވިދާޅުވާ މުހިންމު މެސެޖެއް ފޯރުކޮށްދެއެވެ. ‘’ފުލުހުންގެ ކޮންމެ ޔުނީފޯމަކުން ދައްކައިދެނީ ގައުމާއި ރައްޔިތުންނަށްޓަކައި ކޮށްދެވޭ ހާއްސަ ޚިދުމަތެއް''

މީގެ އިތުރުން، ފުޅަނދުގައި، ސްކޭމްއާއި މަގުމަތީގެ ރައްކާތެރިކަމަށް ހޭލުތެރިކަން އިތުރުކުރުމުގެ ގޮތުން ކުރު ޑްރާމާ ތަކެއް ހިމެނިފައިވެއެވެ. މި ޑްރާމާތަކުން، ހުރިހާ އުމުރުފުރައެއްގެ މީހުންނަށް އަމާޒުކޮށް މެސެޖުތައް ފޯރުކޮށްދެވުނެވެ.
މި ފުޅަނދު ބުރުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވުމަކީ މުޖުތަމައުއާ ގުޅުން ބަދަހިކޮށް، ހޭލުންތެރިކަން އިތުރުކޮށް، އަދި ރައްކާތެރިކަމަކީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ހާސިލުވާ ކަމެއްކަން ރައްޔިތުންނަށް ހަނދާންކޮށްދިނުމުގެ ފުރުސަތެކެވެ.
މިނިވަން އުފާ ފުޅަނދު ބުރުގައި ބައިވެރިވުމުގެ ފުރުސަތުދެއްވި ކަމަށްޓަކައި ދިވެހިބަހާއި، ސަގާފަތާއި އަދި ތަރިކައާ ބެހޭ ވުޒާރާއަށް ޝުކުރު ދަންނަވަމެވެ. އަދި އަޅުގަނޑުމެންގެ ފުޅަނދާމެދު ފިކުރުކޮށް، ހުއްޓި، އަޑުއަހައި، ބަލައިލި ކޮންމެ ރައްޔިތަކަށް ޝުކުރު ދަންނަވަމެވެ. އެންމެންނަށް ރައްކާތެރި މުޖުތަމައެއް ބިނާކުރުމުގެ މަސައްކަތް ދާނީ އެކުގައި ކުރިއަށެވެ.