
ފުލުހުންގެ އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރ. މާކުރަތުގައި އަލަށް އިމާރާތްކުރެވުނު ފުލުހުންގެ މަރުކަޒު ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް މިއަދު މާކުރަތުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ދާހިލީ ސަލާމަތާއި ފަންނީޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާންއެވެ. މިރަސްމިއްޔާތުގަައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސައުދީ އާއި މާކުރަތު ކައުންސިލްގެ ރައީސް އާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި މާކުރަތު ކައުންސިލް މެމްބަރުންނާއި ރައްޔިތުން ބައިވެރިވެލެއްވިއެވެ.
މިރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. ސްޓޭޝަން ހުޅުއްވައި ދެއްވުމަށްފަހު ގައުމީ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އަލީ އިހުސާންއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ދެއްކެވި ވާހަކަފުޅުގައި ކޮންމެ ފުލުހަކުވެސް ގާނޫނުތަކާއި އުސޫލުތަކަށް ވިސްނަައިގެން ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށާއި އަމާނާތްތެރިކަމާއި ޒިންމާގެ ފުން އިހުސާސާއެކު ފުލުހުންގެ ވާޖިބު އަދާކުރުމަކީ ގައުމަށް އަމަންއަމާންކަމާއި ކުރިއެރުމަށް މަގުފަހި ވެގެންދާނެ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ޕޮލިސް ސްޓޭޝަން ހުޅުވިގެން ދިއުމާއެކު މިރަށާއި އަދި މިއަތޮޅަށް އަމާން ރައްކާތެރި ގޮތެއްގައި ފުލުހުންގެ ޚިދުމަތްދިނުމަށްޓަކައި ރައްޔިތުންނާ ގުޅިގެން ކުރާ މަސައްކަތް ފެނިގެންދާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ސްޓޭޝަންގެ މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އަލީ އިހުސާން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ހިންގާ އެންމެ ފުޅާ ފުލުހުންގެ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްގެ ތެރެއިން ހުޅުވިގެންދާ ދެވަނަ ފުލުހުންގެ މަރުކަޒުކަން ފާހަގަކުރައްވައި، ކުރިއަށްއޮތް 2 އަހަރާއި ބައިގެ ތެރޭގައި މިވަގުތު މަސައްކަތް ހިނގަމުންދާ 140 އަށްވުރެ ގިނަ އިމާރާތްތަކުގެ ޕްރޮޖެކްޓްތައް ނިންމާ ފުލުހުންގެ ޚިދުމަތައް ބޭނުންވާ ގޮތައް އެތަންތަން ހުޅުވިގެންދާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ފުލުހުންގެ ހިދުމަތަށް ބޭނުންވާ އުމްރާނީ ތަރައްގީއަކީ އަގުބޮޑު އެހެންނަމަވެސް އަގު ނުކުރެވޭ ފަދަ އިންވެސްޓްމަންޓްތަކެއްކަމަށްވެސް ވިދާޅުވިއެވެ. އަދި މާކުރަތުގައި ގާއިމްކުރެވުނު ފުލުހުންގެ މަރުކަޒާއެކު ރ.އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ހިދުމަތް ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ގާއިމްކޮށްގެން ޙިދުމަތް ދޭން ފެށުމުން، ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ގިނަ ގޮތް ގޮތުން ފަސޭހަތައް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.
މިރަސްމިއްޔާތުގައިވަނީ މާކުރަތު ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ލިޔުން ދެއްވާފައެވެ. މިލިޔުން އެފަރާތްތަކަށް ހަވާލުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ
މާކުރަތުގައި ގާއިމްކޮށް ހުޅުވިގެންދިޔަ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތަކީ 2025 ޖަނަވަރީ 23 ވަނަ ދުވަހު ބިންގާއެޅި މަސައްކަތް ފެށިގެންދިޔަ މަޝްރޫއުއެކެވެ. މިއީ ފުލުހުންގެ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް މުޅި ރާއްޖޭގައި ހިންގާ މަޝްރޫއުގެ ތެރެއިން މިއަހަރުގެ ތެރޭގައި ބިންގާ އަޅައި މަސައްކަތް ފެށި ސްޓޭޝަންތަކުގެ ތެރެއިން ހުޅުވިގެންދިޔަ ދެ ވަނަ ސްޓޭޝަނެވެ. މީގެކުރިން ވަނީ ރ. އިންނަމާދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވާފައެވެ.