
ފުލުހުންގެ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދުލުވެރިކަމުގެ ރަމްޒެއްކަމަށާއި މި ފަހުރުވެރި ޔުނީފޯމަށް ގަދަރު ކުޑަވާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އިލްތިމާސްކުރައްވައިފިއެވެ.
މިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އިލްތިމާސްކުރެއްވީ ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ނޫކުލައިގެ ޔުނީފޯމުން ކޮންމެދުވަހަކުވެސް ފުލުހުން އަދާކުރަންޖެހޭ ވަޒީފާ ހަނދާން ކޮށްދޭނެކަމަށާއި ފުލުހުންގެ ހުވަޔާއި އަޒުމުން ފުލުހުންނާ ހަވާލުކުރެވިފައިވާ މަތިވެރި ޒިންމާ ހަނދާންކޮށްދޭނެކަމަށް ވިދާޅުވިއެވެ. އަދި ފުރިހަމަކުރި ތަމްރީނުން ބިނާކުރި ޝަހުސިއްޔަތުން އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް އެދިލެއްވިއެވެ. ހަމައެއާއެކު، ފުލުހުންގެ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދުލުވެރިކަމުގެ ރަމްޒެއް ކަމަށާއި ފުލުހުންގެ ޔުނީފޯމަކީ ދިވެހި ފުލުހުންގެ އަމާނާތެއްކަން ފާހަގަކުރައްވައި، ފުލުހުންގެ މި ފަހުރުވެރި ޔުނީފޯމަށް ގަދަރުކުޑަވާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ހުރިހާ ފުލުހުންނަށް އިލްތިމާސްކުރެއްވިއެވެ.
ހަމައެއާއެކު، ފުލުހުންގެ ވާޖިބު އަދާކުރުމުގައި ވިސްނުމާއި އަޒުމް އިމްތހާނުކުރެވޭ ހާލަތްތަކާއެކު ފުލުހުންގެ މަސައްކަތަކަކީ ގޮންޖެހުންތައް ގިނަ، ޕްރެޝަރުގައި މަސައްކަތްކުރަންޖެހޭ ވަގުތުތައް ގިނަ އަދި އުނދަގޫ ނިންމުންތައް ނިންމަންޖެހޭ ހާލަތްތައް ވެސް އަންނާނެ މަސައްކަތެއްކަން ފާހަގަކުރައްވައި، މިފަދަ ވަގުތުތަކުގައި އެއްވެސް ފުލުހަކު އެކަނިވެރި ނުވާނެކަމަށާއި ކޮންމެ ފުލުހަކީ ވެސް ދިގު ތާރީހެއް އޮތް ފަހުރުވެރި މުއައްސަސާއެއްގެ ބައެއްކަން ހަނދާނުގައި ބެހެއްޓުމަށް އެދިވަޑައިގެންނެވިއެވެ. އަދި މަސައްކަތުގައި އެހީތެރިވާނެ ފުލުހުންނާއި ތަމްރީނު ދެއްވި އިންސްޓްރަކްޓަރުންގެ އިރުޝާދާއި މުޅި ގައުމުގެ އުންމީދުތައް ގުޅިފައިވަނީ ފުލުހުން ކުރާ މަސައްކަތުގެ މައްޗަށްކަން ހަނދާނުގައި ބެހެއްޓުމަށް ފުލުހުންގެ ކިބައިން އެދިލެއްވިއެވެ.
މީގެއިތުރުން، ފުލުހުން ކުރިއަށް ދިއުމަށްޓަކައި އިހުތިޔާރުކުރި މަގަކީ ފަސޭހަ މަގެއް ނޫންކަމަށާއި، އިހުތިޔާރުކުރި މަގަކީ ބުރަ ބޮޑު އަދި ޒިންމާދާރު، ގުރުބާނީތަކެއް އެކުލެވޭ މަގެއްކަން ފާހަގަކުރައްވައި، ގައުމުގެ ސަލާމަތަށާއި ރައްޔިތުންނަށްޓަކައި އިހުތިޔާރުކުރި މަގަކީ ހަމައެކަނި ވަޒީފާއެއް ކަމުގައި ނުދެކުމަށް ގޮވާލެއްވިއެވެ. އަދި ގައުމީ ގޮވާލުމަކަށް އިޖާބަދެވުނީކަމަށް ދެކި، ނުކުމެވުނު މަގަގީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝަރަފްވެރި ގައުމީ ހިދުމަތަކަށް ކަން ހަނދާނުގައި ބެހެއްޓުމަށްވެސް ގޮވާލެއްވިއެވެ. ހަމައެއާއެކު، އުންމީދުތަކާއެކު މުޖުތަމައު ފުލުހުންނަށް ބަލާނެކަން ހަނދާންކޮށްދެއްވައި، މުޖުތަމައުގެ އުންމީދުތައް އިތުބާރަށް ބަދަލުކުރުމަށް ޝަރަފްވެރި ދަތުރެއް ދަސްވެނިވި ފުލުހުން ފަށާއިރު ނަޒާހަތްތެރިކަމާއެކު އަމަލުކުރުމަށާއި ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހިތްވަރާއި ސާބިތުތަކާއެކު މަސައްކަތްކުރުމަށް އެދިވަޑައިގެންނެވިއެވެ.