Landing page banner

ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ބާއްވައިފި

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ދ. ވާނީގައި ކުރިއަށް ގެންދިޔަ ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

 

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އިސްވެރިންނާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން ގައުމުތަކުގެ ސަފީރުންނާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން އިއްޒަތްތެރިން އަދި ދަސްވެނިވި ފުލުހުންގެ އާއިލާތަކުން ބައިވެރިވެލެއްވިއެވެ. 

 

މި ރަސްމިއްޔާތުގައި، ކޯހުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.

 

މި އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު  މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ 41 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އިމްޝާ ޢަބްދުލްލަތީފް އެވެ.

 

 

ކޮމިޝަނަރ އޮފް ޕޮލިސް އެކްސެލެންސް އެވޯޑު މި ދަރިވަރަށް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. ކޯހުން ދެވަނަ ދަރިވަރަކަށް ކޮންސްޓަބަލް އާމިނަތު ސަމްރާ  ހޮވިފައިވާއިރު ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ސާޖެންޓް މަރިޔަމް ލޫލުއާ މުޙައްމަދު އެވެ.

 

ކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ސާޖެންޓް މަރިޔަމް ލޫލުއާ މުޙައްމަދު އެވެ. ދެވަނަ ދަރިވަރަކަށް ސާޖެންޓް މަރިޔަމް ލާޝާ އާދަމް ހޮވިފައިވާއިރު ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް އާމިނަތު ސަމްރާ އެވެ.

 

އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ކޮންސްޓަބަލް އަލްޔާ އަހުމަދު  ހޮވިފައިވާއިރު ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް ނިއުމަތުﷲ އަހުމަދު އެވެ. ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް އަނަސް މުޙައްމަދު ގާސިމް އެވެ.

 

 

ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީނު ކޯހުގެ ސްކޮޑްތަކުން އެންމެ މޮޅު ދަރިވަރުން ހޮވާފައިވެއެވެ. އެގޮތުން އައިނެއްލާ ސްކޮޑުން އެންމެ މޮޅު ދަރިވަރަށް ހޮވުނީ ކޮންސްޓަބަލް އާމިނަތު ސަމްރާ އެވެ. ދެވަނަ ދަރިވަރަކަށް ކޮންސްޓަބަލް އާލިމް އާދަމް  ހޮވުނުއިރު ތިން ވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އަހުމަދު އިރުޝާމް މޫސާ އެވެ. އަންބަރީ ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓަބަލް އަނަސް މުޙައްމަދު ގާސިމް ހޮވުނުއިރު ދެވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ފާތިމަތު އަތޫފާ އެވެ. އަދި ތިންވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް މުޙައްމަދު ޒައިން އެވެ. ބީފާން ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ސާޖެންޓް މަރިޔަމް ލާޝާ އާދަމް  ހޮވުނުއިރު ދެވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އިބްރާހީމް މުނީޒް އެވެ. ތިންވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އައިޝަތު ޝިރުފާ އެވެ.

 

ހާޖީ ސްކޮޑުން އެއް ވަނަ ދަރިވަރަކަށް ސާޖެންޓް މަރިޔަމް ލޫލުއާ މުޙައްމަދު  ހޮވުނުއިރު ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް ޝާޔަދު ޝާހިދު އެވެ. ތިން ވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އަލްޔާ އަހުމަދު އެވެ. ރަންވިއްކާ ސްކޮޑުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އިމްޝާ ޢަބްދުލްލަތީފް އެވެ. ދެވަނަ ދަރިވަރަކަށް ކޮންސްޓަބަލް އާދަމް ނާޒިލް  ހޮވުނުއިރު ތިން ވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް މުޙައްމަދު ސަނީން އަބްދުލްސަލާމް އެވެ.

 

 

އެންމެ މޮޅު ސްކޮޑަކަށް ހޮވިފައިވަނީ އައިނެއްލާ ސްކޮޑެވެ. މި ސްކޮޑަށް ޝީލްޑް ހަވާލުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

 

ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި، ދީނީ ވާޖިބުތަކާއި އިސްލާމީ ރިވެތި އަހުލާގާއި އިންސާނީ ހައްގުތައް އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ފަދަ ބައިތަކާއެކު ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ. 

 

41 ވަނަ އަސާސީ ތަމްރީނު ކޯހުގައި 114 ފިރިހެން ފުލުހުންނާއި 96 އަންހެން ފުލުހުންނާއެކު ޖުމްލަ 210 ފުލުހުން ބައިވެރިވެފައިވެއެވެ. އަދި 185 ފުލުހުން ފާސްވެ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެއެވެ.

Maldives Police Service | ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ބާއްވައިފި