Landing page banner

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް އިތުރުވަމުންދާތީ، ބެލެނިވެރިން އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިލްތިމާސްކުރައްވައިފި

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް އިތުރުވަމުންދާކަމަށާއި ބެލެނިވެރިން އެކަމަށް ހާއްސަަ ސަމާލުކަމެއް ދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އިލްތިމާސްކުރައްވައިފިއެވެ.

 

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރާ އިދާރާތަކުގެ މަސައްކަތްތަކާ  ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން  ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ ކުށްކުރާ ކަމަށް ބެލެވޭ "ހޮޓް ސްޕޮޓް" ތަކުން ކުރިން ފެންނަ މޫނުތައް މަދުވެފައިވާ ކަމަށާއި، މިހާރު ފެންނަނީ އައު މޫނުތަކެއް ކަމަށެވެ. އޭގެެތެރޭގައި ގިނައީ ކުޑަކުދިން ކަމަށާއި، އެހެންކަމުން މިއީ މިހާރު އިންތިހާ ދަރަޖައަށް ކަންބޮޑުވުން އޮތްކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

 

މިކަމުގެ ކަންބޮޑުވުން ފާހަގަކުރައްވައި ކޮމިޝަނަރ ވަނީ އެފަދަ ތަންތަނުން ފެންނަ ކުޑަކުދިންގެ ކުށުގެ ރެކޯޑް ނެތުމުން ނަސޭހަތްދީ ފޮނުވާލާކަމަށާއި މިކަމުގައި މައިންބަފައިންނާއި އެފަދަ ކުދިންގެ ބެލެނިވެރިން ސަމާލުވެ ދަރިން ގޮސްއުޅޭ ތަންތަން ދެނެގަނެ އެކުދިިންގެ ކަންކަން ގާތުން ބެލުމަށް އިލްތިމާސްކުރެއްވިއެވެ.

 

ނޫސްވެރިންގެ މި ބައްދަލުވުމުގައި  ބިދޭސީންގެ މައްސަލައަށް އަލިއަޅުވާލައްވައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ގަވާއިދާ ހިލާފަށް ގެންނަ ކޮންޓްރާބޭންޑް އެންމެ ގިނައިން ގެންގުޅެނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންކަން ފާހަގަކުރައްވައި، އެތަކެތި ރީޓެއިލް ފިހާރަތަކަށް ޑެލިވަރ ކުރާކަމަށެވެ. އަދި ގަވާއިދުގެ ތެރޭގައި ތިބޭ ބިދޭސީން މި ކަހަލަ ކަންތައްތައް ކުރާނަމަ އެ ފަރާތްތަކުގެ ސްޕޮންސަރުން އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނެކަމަށް ވިދާޅުވިއެވެ. 

 

މީގެއިތުރުން، އިމިގްރޭޝަނާ އެކު ހިންގާ ޖޮއިންޓް އޮޕަރޭޝަންސްތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި އާއި އަތޮޅު ތެރޭގައި ޖުމްލަ 102 އޮޕަރޭޝަން ހިންގާފައިވާއިރު، މި އޮޕަރޭޝަންތަކުގައި  800 އިލީގަލް އިމިގްރެންޓްސް އިމިގްރޭޝަނާ ހަވާލުކުރެވިފައިވާ ކަމަށާއި، އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދާ ޙިލާފުވެގެން 278 ފަރާތެއް ވެސް އިމިގްރޭޝަނާ ހަވާލުކުރެވިފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

 

މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ފާއިތުވި އަހަރުތަކުގައި ފުލުހުން ކޮށްފައިވާ މަސައްކަތްތަކާއި މިހާރު ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ. 

 

 

Maldives Police Service | ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް އިތުރުވަމުންދާތީ، ބެލެނިވެރިން އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިލްތިމާސްކުރައްވައިފި