
ހދ. ކުރިނބީ ސުކޫލުގައި މި އަހަރު އޯލެވެލް ހަދަމުންދާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު ކުރިނބީ ސުކޫލުގައި ކުރިއަށްގެންދިޔަ މި ސެޝަނަކީ އެ ސުކޫލާއި ކުރިނބީ ޕޮލިސް ޕޯސްޓް ގުޅިގެން ކުރިއަށްގެންދިޔަ ސެޝަނެކެވެ.
މި ސެޝަނުގައި، ކޮންމެ ދަރިވަރަކީ ވެސް އަހުލާގު ރަނގަޅު ދަރިވަރަކަށްވުމަށް މަސަތްކަތްކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި ދަރިވަރުންނާމެދު ބެލެނިވެރިން ކުރާ އުންމީދުތަކާއި ރަނގަޅު ނަތީޖާއެއް ހޯދުމަށް ކޮންމެ ދަރިވަރަކު ވެސް މަސައްކަތް ކުރުމަށާއި ކާމިޔާބީއަށް ވާސިލުވުމަށް ކިޔެވުމުގެ ކަންކަން ތަރުތީބުކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ.
އޭގެ އިތުރުން، ތައުލީމީ ދައުރު ނިންމައި އަމަލީ މައިދާނަށް ނުކުންނައިރު ކޮންމެ ދަރިވަރަކު ވެސް ޒިންމާދާރު ކުއްޖަކަށްވުމަށް މަސައްކަތް ކުރުށާއި ކުށުގެ މާހައުލުން ދުރުހެލިވެ މުޖުތަމައަށް ފައިދާކުރާނެ ދަރިވަރަކަށްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ވެސް ނަސޭހަތްތެރިވިއެވެ. އަދި ނަމޫނާ ދަރިވަރަކަށް ވުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރުމަށް ވެސް ދަރިވަރުންނަށް ނަސޭހަތްތެރިވިއެވެ.