Landing page banner

މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލިން މީހަކު ހައްޔަރުކޮށްފިއެވެ.

 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ / އާރާދަނާ، އަޞްޢަދު ޢަލީ (35އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި ފަޅުގައި އޮތް ލޯންޗެއްގައި ހުއްޓައެވެ.

 

މި ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު ވިލިނގިލީ ޕޮލިހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާއާމެދު ތުހުމަތުކުރެވިގެން ފުލުހުން އެ ލޯންޗަށް އަރައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކޮތަޅެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 49 ގުރާމެވެ.

 

މި މައްސަލައާ ގުޅިގެން އަޞްޢަދު ޢަލީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައިވެއެވެ.

 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.