Landing page banner

ރައްޔިތުން ހޭލުންތެރިިކުުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް މަޑިފުށީގައި ކުރިއަށް ގެންގޮސްފި

ތ. މަޑިފުށީ ރައްޔިތުން ހޭލުންތެރިިކުުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް އެ ރަށު ޕޮލިސް ޕޯސްޓުން ކުރިއަށް  ގެންގޮސްފިއެވެ.

 

މި ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ އެކި ސަރަހައްތަކާއި ގޭބިސީތަކާއި ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ރަމަޟާންމަހު އާންމުކޮށް ހިނގާ ކުށްތަކާއި، ކުށް ހިނގާ ގަޑިތައް އަދި މުދަލާއި ގެދޮރުުގެ ރައްކާތެރިކަމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން އިރުޝާދުދީފައިވެއެވެ.

 

ހާއްސަކޮށް، ރަމަޟާންމަހުގެ އެންމެ ހެނދުނުގެ ވަގުތާއި، ނަމާދު ވަގުތު ތަކުގައި ގޭބިސީތަކާއި ފިހާރަތައް ތަޅުލެވިފައިވޭތޯ ބަލައި ރައްކާތެރިވުމަށާއި ވައްކަންކުރާ ފަރާތްތަކަށް ފުރުސަތު ނުދިނުމަށް އިރުޝާދުދީ ހޭލުންތެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.

 

އަދި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ގެދޮރު ޒީނަތްތެރިކުރުމަށާއި، ފަރުނީޗަރު ބަދަލުކުރުމާއި، އިލެކްޓްރޯނިކް ވަސީލަތްތަކާއި، ބަދިގޭގައި ބޭނުންކުރުމަށް އޮންލައިންކޮށް ތަކެތި ގަންނަނަމަ ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ. އަދި ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.