
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނައިފަރުގައި ހިންގި މަސްތުވާތަކެތިީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޅ. ކުރެންދޫ / ގަނދަކޯޅިމާގެ، ޢަބްދުﷲ ޞިފާޒް (39އ) އާއި ޅ. ކުރެންދޫ / ދުނި، މުޙައްމަދު ނަދީމް އަޙްމަދު (30އ) އެވެ.
އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ނައިފަރު ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. ނައިފަރު ފަޅުގައި އޮތް ޑިންގީއެއްގައި ތިއްބައި އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 8.1 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ހަތްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.