
ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ ސިލްސިލާ ޕްރޮގްރާމުތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީ ގައި ކުރިއަށްގެންގޮސްފިއެވެ.
ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުންނާއި ޓެކްސީ ޑްރައިވަރުންގެ ގޮތުގައި މިހާރު ވެސް ހަރަކާތްތެރިވާ މީހުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އެކްސިޑެންޓުތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުންނާއި އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީގޮތާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.
މި މަހު 7 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި، ކުޅުދުއްފުށި ސިޓީން ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ 24 ޑްރައިވަރުންނާއި މިހާރު ވެސް ޓެކްސީގެ ހިދުމަތުގައި ހަރަކާތްތެރިވާ ހަ ޑްރައިވަރުން ބައިވެރިވިއެވެ. މި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދީފައިވެއެވެ.