
“ރޯދައާއި ރައްކާތެރިކަން” މި ޝިއާރުގެ ދަށުން ނ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބިސީތަކާއި ފިހާރަތަކަށް ޒިޔާރަތްކޮށް ރައްޔިތުން ކުށުން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ފެބުރުވަރީ މަހު 15 ވަނަ ދުވަހު ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، ރަމަޟާން މަހު ވައްކަމުގެ މައްސަލަތަކުން ރައްކާތެރިކުރުމަށާއި ހިނގާފާނެ އެހެނިހެން ހާދިސާތަކުން ރައްކާތެރިކުރުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ނަމާދު ވަގުތުތަކަށް މިސްކިތަަށްދާއިރު ގޭގެ ދޮރުތައް ތަޅުޅުމަށާއި ފަތިސް ނަމާދަށްފަހު ނިދުމުގެ ކުރިން ވެސް ދޮރުތައް ތަޅުލެވުނުތޯ ޔަގީން ކުރުމަށާއި ދުވާލުގެ ވަގުތުތަކުގައި މަސައްކަތުގައި ބުރަކޮށް އުޅޭއިރު އަގުބޮޑެތި މުދާ ގޭތެރޭގައި މީހަކު ނެތި ދޫކޮށްލާފައި ނުބެހެއްޓުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި މިސްކިތަށް ދާއިރު އަގުބޮޑެތި ތަކެތި ނުގެންދިއުމަށާއި ސައިކަލު މަޑިދަށުގައި ވެސް އެފަދަ ތަކެތި ނުބެހެއްޓުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެ އިތުރުން، ހަވީރުގެ ވަގުތުތަކުގައި ފިނިބުރު ޖަހަން ނުކުންނައިރު، އެއްގަމު ދަތުރުފަތުރު ކުރުމުގެ ގަވާއިދުގައިވާ ފަދައިން އަމަލުކުރުމަށާއި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް ވެސް ނަސޭހަތްތެރިވެފައިވެއެވެ. އަދި ގޯތިގެދޮރާއި، ދަނޑުބިންތަކާއި، އުޅަނދުފަހަރާއި، ހޮޓާ، ފިހާރަ އަދި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވެންހުރި ކަންކަން ކުރުމަށާއި، އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެކަމުގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ދީފައިވެއެވެ.