Landing page banner

ހިންމަފުށީ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކ. ހިންމަފުށީ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

 

މި ފެބުރުވަރީ މަހުގެ 15 އިން 16 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ރަށުގެ ގޭބިސީތަކާއި، ފިހާރަތަކާއި، ކެފޭ ރެސްޓޯރަންޓް ތަކުގެ އިތުުރުން އެހެނިހެން ވިޔަފާރިތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން 105 ތަނަކަށް ޒިޔާރަތްކޮށް ހޭލުންތެރުކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.

 

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ފަތުވެރިންނަށް ހިދުމަތްދޭ ތަންތަނުގައި ރަމަޟާން މަހުގެ ދުވާލުގެ ވަގުތުތަކުގައި ކެއިންބުއިމުގެ ހިދުމަތް ދިނުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ކުރެވެނޭކަންކަމާއި ވައްކަމުގެ މައްސަލަތަކާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަން ކިޔައިދީފައިވެއެވެ.

 

އޭގެ އިތުރުން، ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެތިބުމަށް ކުރެވޭނެ ކަންކަމާއި އޮންލައިންކޮށް ވިޔަފާރީގެ މުއާމަލާތްކުރާއިރު މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް ސަމާލުކަންދިނުމަަށް އިރުޝާދުދީފައިވެއެވެ.

 

އަދި އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއ ހާއްސަގޮތެއްގައި ކުޑަކުދިން ގޮވައިގެން އުޅަނދު ދުއްވާނަމަ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

 

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ހިންމަފުށީ ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.