Landing page banner

ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ކޮމަންޑޫގައި ހުންނަ ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

 

މި ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހު ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ސެޝަންގައި މައުލޫމާތު ދީފައިވަނީ ބެލެނިވެރިންގެ ޒިންމާތަކާއި، ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭގޮތުންނެވެ.

 

އެގޮތުން، ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަންކަމާއި ބެލެނިވެރިންގެ މައްޗަށް ލާޒިމުކުރާ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި ބޭނުންކުރާނެ މުހިންމު އުކުޅުތަކާއި ތަފާތު އެކި ކަހަލަ ކުށްތަކުން ރައްކާތެރިކުރުމަށާއި ރައްޓެހިންގެ ގޮތުގައި ކުދިން ގުޅިގެން އުޅެނީ ކޮންކަހަލަ ބައެއްތޯ ބެލުމަށް ނަސޭހަތްތެރިވެފައިވެއެވެ.

 

އޭގެ އިތުރުން، ސޯޝަލް މީޑިއާ ބޭނުންކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި އޮންލައިން ސްކޭމްތަކުން ރައްކާތެރިވެތިބުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ދަރިން އިންޓަނެޓް ބޭނުންކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި ކުދިންކުރާ ކަންކަން ގާތުން ބެލުމަށް ނަސޭހަތްތެރިވެފައިވެއެވެ.