
އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް “ޔޫސް އޮފް ފޯސް ރިފްރެޝަރ” ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ފުލުހުންގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުވުމުގެ އިތުރުން، ބާރުގެ ބޭނުންކުރުމާއި، ހަތިޔާރު ގެންގުޅޭނެ އުސޫލުތަކާއި، ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތަކާ ގުޅޭގޮތުން މައުލޫމާތުދީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން، އެކި ހާލަތްތަކާ ގުޅޭ ސިނާރިއޯތައް ބޭނުންކޮށްގެން، އެފަދަ ދަނޑިވަޅުތަކުގައި ބާރުގެ ބޭނުންކުރާނެ ގޮތްތަކާއި ހަތިޔާރު ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތަކުގެ ތަމްރީނުތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
މި މާރިޗު މަހުގެ 3 އިން 9 އަށް މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީީ އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ތިން ގްރޫޕްއަކަށް ބަހާލައިގެން މަހިބަދޫ އަދި މާމިގިލީގައެވެ.
މި ތަމްރީނަކީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހުބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުންގެ ގާބިލުކަން އިތުރުކޮށް، އިންތިހާބަށް ފުލުހުން ތައްޔާރުކުރުމަށް ކުރިއަށް ގެންދިޔަ ތަމްރީނެކެވެ.