
މަސްތުވާތަކެތީގެ މައްސަލައެއްގައި ތ. އަތޮޅުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ކިނބިދޫ / ޗަންޕާމާގެ، ޢަބްދުﷲ ރަޝީދު (41އ) އާއި ތ. ބުރުނި / ބީޗްވިލާ، މުޙައްމަދު މުނީރު (30އ) އެވެ.
މި ދެ މީހުންގެ ތެރެއިން ޢަބްދުﷲ ރަޝީދު (41އ) ހައްޔަރުކޮށްފައިވަނީ ކިނބިދޫއިންނެވެ. މި މާރިޗު މަހުގެ 9 ވަނަ ދުވަހު ކިނބިދޫ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް ފެނިފައިވެއެވެ.
މުޙައްމަދު މުނީރު (30އ) ހައްޔަރުކޮށްފައިވަނީ ބުރުނީ ބަނދަރު ސަރަހައްދުންނެވެ. މި މާރިޗު މަހުގެ 9 ވަނަ ދުވަހު އޭނާއާމެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަ ސެލޯފިންކޮޅު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަބްދުﷲ ރަޝީދު 10 ދުވަހަށް އަދި މުޙައްމަދު މުނީރު ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.