
ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާ އަތުލައިގަނެ، ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލެ ޕޮލިސްގެ އޮޕަރޭޝަނަލް ސަޕޯޓާއެކު 2026 މާރިޗު 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ ލޮޓެއް ބަލައި ފާސްކޮށެވެ.
އެ ތަން ފާސްކުރިއިރު، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 40 ފުޅި ފެނިފައިވެއެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ނަޒްމުލް ޙަސަން (27އ) އެވެ. އޭނާ ހައްޔަރުކުރީ ޤަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ.
އޮޕަރޭޝަންގެ ތެރެއިން، ތުހުމަތު ކުރެވޭ މީހާއާ ގުޅުންހުރި ކަމަށް ބެލެވޭ ސައިކަލެއް ބަލައި ފާސްކުރިއިރު، އެ ސައިކަލުގެ މަޑިދަށުން ވެސް ބަނގުރާ ވަނީ ފެނިފައެވެ. އެހެންކަމުން އެ ސައިކަލުވަނީ ތަހުގީގުގެ ބޭނުމަށް ޓޯވ ކޮށްފައެވެ.
މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ނަޒްމުލް ޙަސަން މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ މެދުނުކެނޑި އެންޓި ނާކޮޓިކްސް އޮޕަރޭޝަންތައް ހިންގަމުންނެވެ.